ފީފާގެ ހެޑްކުއާޓަރު ބޭރުގައި ދެ އޮފިޝަލެއް.-- ފޮޓޯ: އޭއެފްޕީ
12 ފެބުރުއަރީ 2020 - 09:34
ޒިއުރިކް (ފެބްރުއަރީ 12) - މާލީގޮތުން އަޑިއަޅާލުމުގެ ސަބަބުން ފުޓްބޯޅަ ކްލަބްތަކަށް އެ ޓީމުގެ ކުޅުންތެރިންނަށް ނުދެވޭ މުސާރަ ފީފާ އިން ހަމަޖައްސައިދޭ ގޮތަށް އެ އިދާރާއިން ނިންމައިފި އެވެ،
އެ ގޮތުން ފީފާ އާއި ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން އެއްބަސްވެފައިވަނީ ކުރިއަށް އޮތް ތިން އަހަރަށް ކުޅުންތެރިންނަށް ނުލިބޭ މުސާރަ ދޭން 11 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އަދި ފަސް މިލިއަން ޑޮލަރު ހަމަޖައްސާފައިވަނީ 2015 އިން 2020 އާ ދެމެދު ކްލަބްތަށް މާލީގޮތުން އަޑިއަޅާލައި ނުދެވި ހުރި މުސާރަ ދިނުމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި އެއްބަސްވުމާ އެކު ދަތިހާލު ކުރިމަތިވާ ކުޅުންތެރިންނަށް ކެރިއަރުގައި ކުރިއަށްދެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި ފުޓްބޯޅަ އެންމެ ބޮޑު ކުޅިވަރުގެ ގޮތުގައި ދެމެހެއްޓޭނީ ރަނގަޅު ގޮތުގައި ކުޅުންތެރިން ބަހައްޓައިގެން ކަމަށެވެ.
"ފުޓްބޯޅަ ކޮމިއުނިޓީ ފަށަނީ ކުޅުންތެރިންނާ ހަމައިން. މީގައި އެންމެ މުހިއްމު ކަމަކީ އެ ކުޅުންތެރިން އެންމެ ރައްކާތެރި މާހައުލެއްގައި މި ކުޅިވަރުން ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދިނުން. ފީފާގެ ޒިންމާގެ ދަށުން އެބަޖެހޭ އެކަން ކުރަން ކުޅުންތެރިންނަށް އެހީވެދޭން،" އިންފަންޓީނޯ ވިދާޅުވި އެވެ.
ފީފާ އިން މި ފަންޑް ހަމަޖައްސަން ނިންމާފައިވަނީ އަންނަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ. ފިފްޕްރޯއާ ގުޅިގެން މި މަސައްކަތްތައް ކުރިއަށްގެންދަން މަސައްކަތްކުރާއިރު، އެ ޔޫނިއަން ވެސް އޮތީ މި ކަމަށް ވަރަށް ފުރިހަމަ އަށް ތައްޔާރަށެވެ.
ފިފްޕްރޯގެ ރައީސް ފިލިއްޕޭ ޕިއާޓް ފާއިތުވި ފަސް އަހަރު ތެރޭ ދުނިޔޭގެ 20 ގައުމަކުން 50 އަށް ވުރެން ގިނަ ކްލަބެއް މާލީ މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަނުދޭ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެގެން ކުރިއަށްދާން ތިބި ގިނަ ކުޅުންތެރިންނަށް ހުރަސްތަކެއް ކުރިމަތިވާކަން ޕިއާޓް ފާހަގަކުރެއްވި އެވެ.
ފުޓްބޯޅަ ކުޅުންތެރިންނަށް ނުލިބޭ މުސާރަ ހޯދަން ފީފާ އަށް ހުށަހަޅައިގެން އެ ކުޅުންތެރިންނަށް އެ ލިބޭ ގޮތްވަނީ އެތައް ދުވަހެއް ފަހުންނެވެ. އެއީ ފީފާގެ ކޮމިޓީން މައްސަލަ ނިންމުމުގައި ކްލަބްތަކަށް ލުއިދިނުމުގެ އުސޫލުތަށް އޮންނަގޮތުންނެވެ.
ދާދި ފަހުން ފިފްޕްރޯ އިން ދިން ލަފާގެ މަތިން ފީފާ އިން ވަނީ މުސާރަނުދޭ މައްސަލައިގައި ކުޅުންތެރިންނަށް ހާއްސަ ބާރެއް ދީފަ އެވެ. އެ ގޮތުން ޖެހިޖެހިގެން ދެ މަސް ދުވަހު އެއްބަސްވެފައިވާ ގޮތަށް އެއްވެސް އުޒުރެއްނެތި ކްލަބަކުން ކުޅުންތެރިޔާ އަށް މުސާރަ ނުދީފިނަމަ ކޮންޓްރެކްޓް ބާތިލްކުރަން ހުށަހެޅުމުގެ ބާރު ކުޅުންތެރިޔާ އަށް ލިބިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
12 February 2020
ރާއްޖޭގެ ނިއުރޭޑިއަންޓަށް މިފުރުސަތު ލިބޭބާ؟ މިނޫން ގައުމެއްގަ މިހާ ތާރީީޚީ ބޮޑު ކުލަބެއް ސަސްޕެންޑު ވެގެން ދިއުމުގެ ކުރިން މަހުޖަނުންގެ ވަކިލާރި ކޮޅަކުންވެސް އެކަން ހައްލުކޮށްދޭނެ ކަންނޭގޭ.