ފްރާންސްގެ މެޗެއްގެ ތެރެއިން ޑެމްބެލޭ.-- ފޮޓޯ: އޭއެފްޕީ
12 ފެބުރުއަރީ 2020 - 09:37
ބާސެލޯނާ (ފެބްރުއަރީ 12) - ބާސެލޯނާގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މި އަހަރު ޖޫން މަހުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަހު އަލުން ފިޓްވުމަށް ބާސެލޯނާގެ ތަމްރީންތަކުގައި ބައިވެރިވަމުން އަންނަނިކޮށް ޑެމްބެލޭގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް އިރައިގެން ދިޔުމުން ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. އަނިޔާއިން ރަނގަޅުވެ އޭނާ އަށް އަލުން ދަނޑުމައްޗަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ ހަ މަސް ދުވަސް ފަހުންނެވެ.
މިއާ އެކު މި ސީޒަނުގެ އިތުރުން ޔޫރޯގައި ވެސް ޑެމްބެލޭ ނުފެންނާނެ އެވެ. މިއީ ފްރާންސަށް ވުރެން ބޮޑަށް ބާސެލޯނާ އަށް ލިބުނު ގެއްލުމެކެވެ. ސީޒަނުގެ މުހިއްމު މެޗުތައް ކުރިމަތީގައި އޮތްއިރު، ބާސެލޯނާގެ އެއް ވަނަ ސްޓްރައިކަރު ލުއިސް ސުއަރޭޒް ވެސް ހުރީ އަނިޔާގަ އެވެ. އާ ކޯޗު ކީކޭ ސެޓިއެން ޖެނުއަރީ ޓްރާންސްފާގައި އާ ފޯވާޑެއް ގެނެސްދޭން އެދުނު ނަމަވެސް އެކަމެއް ނުވި އެވެ.
ޑެމްބެލޭ 2017 ވަނަ އަހަރު ބާސެލޯނާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 147 މިލިއަން ޔޫރޯގެ އަގަކަށެވެ. ޑެމްބެލޭ އަކީ އޭނާ ބާސެލޯނާ އަށް ގެނައިއިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓާ، އަދި ބޯޅައާ އެކު ހަރަކާތްކުރުމުގެ ހުނަރު ވަރަށް މަތީ ކުޅުންތެރިއެކެވެ. އެ ޓީމުން އޭނާ ގެނައީ ވެސް ނޭމާގެ ބަދަލުގައި އެ މަގާމަށް ކުޅުވާށެވެ. އެކަމަކު އޭނާ އަށް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވެ އެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ޑެމްބެލޭ އަކީ އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް މާ ކަމުދާ ކުޅުންތެރިއެއް ނޫނެވެ. އެއީ ކުޅުމާ އެއްވަރަށް އޭނާގެ އަހުލާގު ރަނގަޅުނުވުމުންނެވެ. ޑެމްބެލޭ ކުރިން ކުޅުނު ޑޯޓްމަންޑް ދޫކޮށް އޭނާ ބާސެލޯނާ އަށް ބަދަލުވިއިރު އަމަލުކުރި ގޮތުން ވެސް ޑެޝޯމްޕްސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
17 February 2020
ގެޓްވެލް ސޫން. އަދި އެނބުރި އައިސް ހޭޓަރުންގެ އަނގަމަތީގައި ޓޭޕް އަޅާނެކަމަށް އުންމީދުކުރަން. ހަގީގަތުގައި މިއީ ދުނިޔޭގައި މިވަގުތުހުރި އެންމެ ޓެލެންޓަޑް އެއް ކުޅުންތެރިޔާ.
ލޫލޫ
12 February 2020
ވެހިކަލްތަކުގެ ރޯޑްވާދިނަސް ޓެސްޓް ކުރާގޮތަށް ފުޓްބޯޅަ ކުޅެން ފުރަތަމަ ފަށައިގަތުމުގެ ކުރިން ހަށިގަޑު މިކަހަލަ ފިޒިކަލް އެކްޓިވީޓީއަށް ވޯދިނަސްތޯ ބަލަން ޓެސްޓް ކުރުމަށްފަހު ބޯޅަކުޅެން ފަށަންވެއްޖެ ކަންނޭގޭ.