17 ފެބުރުއަރީ 2020 - 10:45
ޓިއުރިން (ފެބްރުއަރީ 17) – ޔުވެންޓަސް އާއި އިޓަލީ ގައުމީ ޓީމުގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ގާތްގަނޑަކަށް ހަ މަސް ދުވަހަށް ފަހު އަލުން އިއްޔެ ކުޅެން ނުކުމެއްޖެ އެވެ.
އޭނާ ކުޅުމާ ދުރަށް ދާން ޖެހުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ޕްރެކްޓިހުގެ ތެރެއިން އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) އިން ބަޔެއް އިރައިގެން ގޮސް އެ މައްސަލަ ހައްލުކުރަން އޮޕަރޭޝަނެއްކުރަން ޖެހުމުންނެވެ.
ކިއެލީނީ ވަނީ އިޓާލިއަން ލީގުގައި އިއްޔެ ހަވީރު ބްރެޝިއާ އަތުން 2-0 އިން ޔުވެންޓަސް މޮޅުވި މެޗުގެ 77 ވަނަ މިނެޓުގައި ކުޅެން އަރައިފަ އެވެ. ކިއެލީނީ ނެތުމުން ޔުވެންޓަސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ ލިއޮނާޑޯ ބޮނޫޗީގެ ބަދަލުގައި އެރި ކިއެލީނީ އަށް ވަގުތުން ބޭންޑް ވަނީ ދީފަ އެވެ.
ކިއެލީނީ އެނބުރި މިއައީ ޔުވެންޓަސްގެ ނަތީޖާތައް ކޮންމެވެސް ވަރަކަށް ދަށްވެ، އެ ޓީމަށް އާ ހިތްވަރެއް ބޭނުންވެފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމަކު ކުރިން އެއް ވަނައިގައި އޮތް އިންޓަ މިލާން ރޭ ލާޒިއޯ އަތުން 2-1 އިން ބަލިވުމާ އެކު ޔުވެންޓަސް ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. އެހެންވިޔަސް ލީގު ދިފާއުކުރުމަށް އެ ޓީމަށް އޮތީ ފަސޭހަ މަގެއް ނޫނެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރު އަންނަ ހަފުތާގައި ފެށުމާ އެކު އިތުރަށް ޕްރެޝަރު ބޮޑުވާނެ އެވެ.
ކިއެލީނީ އެނބުރި އައުމަކީ އިޓަލީ ގައުމީ ކޯޗު ރޮބާޓޯ މަންޗިނީ އަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މާޔޫސްކަން ފިލުވާލައި އިޓަލީން ރަނގަޅު ފޯމެއްގައި އޮތް ޔޫރޯ އަށް ކޮލިފައިވެފައިވާއިރު ޒުވާން ޓީމަށް ކިއެލީނީ ފަދަ ތަޖުރިބާކާރެއްގެ ބޭނުން ބޮޑުވާނެ އެވެ.
ލިވޯނޯ އިން މީގެ 20 އަހަރު ކުރިން ކެރިއަރު ފަށައި ރޯމާ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުނު ކިއެލީނީ އަކީ 2005 އިން ފެށިގެން ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި ފަބިއޯ ކަނަވާރޯ ކުޅުން ހުއްޓާލި ހިސާބުން ފެށިގެން، އޭނާ އަކީ އިޓަލީގެ އެންމެ އިތުބާރު ޑިފެންޑަރެވެ. ގައުމީ ޓީމަށް 2005 އިން ފެށިގެން 103 މެޗު ވަނީ ކުޅެދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy