އެންޑީ މަރޭ: އޭނާ ވަނީ ޗައިނާ އޯޕަން ސެމީ ފައިނަލުން ޖާގަ ހޯދާފައި.-- ފޮޓޯ: އޭއެފްޕީ
08 އޮކްޓޯބަރ 2016 - 10:18
ބެއިޖިން (އޮކްޓޫބަރު 8) - ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާ އެންޑީ މަރޭ ޖާގަ ހޯދިއިރު، ކުއާޓާ ފައިނަލުން ސްޕެއިނުގެ ރަފައެލް ނަޑާލް ކަޓައިފި އެވެ.
މަރޭ ސެމީ ފައިނަލުން ޖާގަހޯދީ އިނގިރޭސި ޓެނިސް ކުޅުންތެރިޔާ ކައިލް އެޑްމަންޑް ބަލިކުރުމަށް ފަހު އެވެ. މަރޭ ސެޓުތައް ގެންދިޔައީ 7-6، 6-2 އިންނެވެ. މިއީ ޗައިނާ އޯޕަންގެ ސެމީ ފައިނަލުން މަރޭ ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގެ ސެމީ ފައިނަލުގައި މަރޭ ވާދަކުރީ 2014 ވަނަ އަހަރެވެ.
ނަޑާލް ކެޓީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަތުންނެވެ. ޑިމިޓްރޯވް ސެޓުތައް ގެންދިޔައީ 6-2، 6-4 އިންނެވެ. މިއީ ނަޑާލް އަތުން ޑިމިޓްރޯވަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން މި ދެ ކުޅުންތެރިން ކުޅުނު ހަތް މެޗުން ވެސް މޮޅުވީ ނަޑާލް އެވެ.
ސްޕެއިނުގެ ނަޑާލް: އަނިޔާގެ ސަބަބުން އޭނާގެ ފޯމު ވަނީ ގެއްލިފައި.-- ފޮޓޯ: އޭއެފްޕީ
މި ސީޒަނުގައި ނަޑާލަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ސިންގަލްސް މުބާރާތެވެ. އެއީ އޭޕްރީލް މަހު އެވެ. އޭގެ ފަހުން ކުޅުނު އެއްވެސް މުބާރާތެއްގެ ފައިނަލުން ވެސް ނަޑާލަށް ފުރުސަތު ނުލިބެ އެވެ. މި ސީޒަނަކީ ގްރޭންޑް ސްލޭމް 14 މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލްގެ ކެރިއަރުގައި އަނިޔާ އާއި ފިޓްނަސް މައްސަލަތަކުގެ ސަބަބުން އޭނާގެ އެންމެ ދަށް އަހަރެވެ.
"މިއީ ގްރިގޯ އަށް ހައްގު މޮޅެއް. އަހަރެންނަށް މެޗުން މޮޅުވެވޭ ވަރުގެ ކުޅުމެއް ނުދެއްކޭ" ނަޑާލް ބުންޏެވެ.
ސެމީ ފައިނަލުގައި ޑިމިޓްރޯވް ބައްދަލުކުރާނީ މިލޮސް ރައޮނިކްއާ އެވެ. އަދި މަރޭ ނުކުންނާނީ ސްޕެއިނުގެ ޑޭވިޑް ފެރާއާ ދެކޮޅަށެވެ. ސެމީ ފައިނަލް އޮންނާނީ މިރޭ އެވެ.
ނަޑާލް ކެޓުމުން ޗައިނާ އޯޕަން ކާމިޔާބު ކުރުމުގެ ފުރުސަތު މަރޭ އަށް ވަނީ ބޮޑުވެފަ އެވެ. މި މުބާރާތުގައި އަނިޔާގެ ސަބަބުން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ނުކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
08 October 2016
މިހާރު ނޫހުގަ އަބަދު ކޮން މަރޭ އެކޭ ތިލިޔަނީ. ރަގަޅުގޮތަކީ މުރޭ