ލީޑު ދަމަހައްޓައި ލިވަޕޫލުން ދެ ރެކޯޑަކާ ހަމަކޮށްފި

ލިވަޕޫލް (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑް 3-2 އިން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ލީޑުދަމަހައްޓައި ދެ ރެކޯޑަކާ ހަމަކޮށްފި އެވެ.


ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ ލީގުގައި ޖެހިޖެހިގެން 18 މޮޅު ހޯދައި މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެންމެ ފަހުން ލިވަޕޫލުން މި ރެކޯޑާ ހަމަކުރަން މަސައްކަތްކުރި ފަހަރު މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވުމުން އެކަން ހާސިލެއްނުވި އެވެ. ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން 21 މޮޅު ހަމަކޮށް ކުރިން އެ ޓީމު އަތުގައި އޮތް ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ.

ތިރީސް އަހަރަށް ފަހު ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތުގައި އޮތް ލިވަޕޫލަށް ދެން ލީގު ކަށަވަރުކުރަން ބޭނުންވަނީ ހަތަރު މޮޅެވެ. މި ވަގުތު އެ ޓީމު އެއް ވަނައިގައި އޮތީ 27 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އޮތީ 27 މެޗުން 57 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ލިވަޕޫލަށް މި ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ އީސާ ޑިއޮޕް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފުރަތަމަ ހާފުގައި އަލުން ލީޑުނަގަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. އެ ޓީމަށް އުނދަގޫތަކެއް ދިމާވީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ސްޕެއިނުގެ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސް މެޗުގެ 54 ވަނަ މިނިޓްގައި ވެސްޓް ހޭމް އަށް ލީޑުނަގައިދިނުމުންނެވެ. ފޯނާލްސް ކުޅެން އެރީ ވެސްޓް ހޭމްގެ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ޓޫޝެކް އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ.

ވެސްޓް ހޭމް އިން ލީޑުނެގުމާ އެކު ލިވަޕޫލުން ފުލުފުލުގައި އެޓޭކްކުރަން ފެށި އެވެ. ނަތީޖާ ހަމަަހަމަކުރަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން މުހައްމަދު ސަލާހު ޖެހި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސީ އަތުގެ ތެރެއިން ގޮސް ވަނީ ގޯލަށެވެ. ލިވަޕޫލް މޮޅުވި ގޯލު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ޖެހީ ސަޑިއޯ މާނޭ އެވެ. ވެސްޓް ހޭމް އަށް އަލުން އެއްވަރުކޮށްދޭން ޖެރާޑް ބޯވެން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗު ފެށީ ވަރަށް ރަނގަޅު ގޯލަކާ އެކު ލީޑު ލިބިގެން ކަމުގައި ވިޔަސް ފަހުން ފެނުނު ގިނަ ކަންތައްތަކަކީ ދެކެން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު އުނދަގޫ ހާލަތްތަކުގައި ވެސް ކުޅުންތެރިން މަސައްކަތްކޮށް މޮޅުވުމުން އުފާކުރާކަމަށެވެ.

ރެލިގޭޝަނުގައި އޮތް ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ މި މެޗުން އޭނާގެ ޓީމަށް ނެގޭނެ ގިނަ ޕޮޒިޓިވް ކަންތައްތަކެއް އެބަހުރި ކަމަށާއި މެޗުން ބަލިވީ ލިވަޕޫލަށް ނަސީބުގެ އެހީވެސް އޮތުމުން ކަމަށެވެ.