29 ފެބުރުއަރީ 2020 - 11:04
ލަންޑަން (ފެބްރުއަރީ 29) - އަތުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އޭނާގެ ގައުމަށް ގޮސްފައި އެނބުރި އިންގްލެންޑަށް ދިއުމުން ކަރަންޓީނު ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ސޮން ކަރަންޓީނު ކުރަން ނިންމީ މިހާރު ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންގްލެންޑުން ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް އެކުލަވާލާފައިވާ މިންގަނޑުގެ ތެރެއިންނެވެ. ސޮން އަތަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދަން އޭނާ ދެކުނު ކޮރެއާ އަށް ދިޔައީ 2017 ވަނަ އަހަރު ވެސް އޭނާ އަށް ލިބުނު އެ ކަހަލަ އަނިޔާއެއްގައި ފަރުވާދިން ދެކުނު ކޮރެއާގެ ޑޮކްޓެއްގެ ގާތަށެވެ.
ދެކުނު ކޮރެއާ އަކީ މި ވަގުތު ވައިރަސް އެންމެ އާންމުވެފައިވާ ގައުމު ކަމަށްވާތީ އެ ގައުމުން އަންނަ ފަރާތްތަކަށް ހާއްސަ ނަޒަރަކުން އިންގްލެންޑުން ވެސް ބަލާނެ އެވެ. އެ ގޮތުން އިންގްލެންޑުން މިހާރު ނިންމާފައިވަނީ ސޮން އެނބުރި އައުމާ އެކު އޭނާ ވަގުތުން ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލުކުރުމަށެވެ. އަދި 14 ދުވަސް ވަންދެން ސޮން އެ ތަނުގައި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ހެދިފައިވާ ގަވާއިދަށް ކޮންމެ މީހަކު ވެސް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި އެ ގޮތުން ޓޮޓެންހަމުން ވެސް އިންގްލެންޑްގެ ސަރުކާރުގެ ނިންމުންތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ސޮން ކަރަންޓީނު ފެސިލީޓީގައި ހޭދަކުރާ މުއްދަތުގައި ޓޮޓެންހަމުން ދޭން ޖެހޭ އެހީތެރިކަން އެންމެ ފުރިހަަމަކޮށް ލިބިގެންދާނެ ކަމަށް މޮރީނިއޯ ބުންޏެވެ.
މިިދިޔަ މަހު ޗައިނާ އިން އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އިންގްލެންޑަށް އައުމުން ވަނީ އޭނާ ވެސް ވަރަށް ވަރުގަދަ އަށް ޗެކްކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކު އިގާލޯ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވެން ފެށީ އިންގްލެންޑްގެ ހެލްތު އިންސްޕެކްޝަންގެ ފަރާތްތަކުން ހުއްދަދިން ފަހުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ޓީމުތަކުން އަންނަނީ ވައިރަހުގެ ސަބަބުން ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން ސަޕޯޓަރުންނާ ސަލާމްނުކުރަން އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy