ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހިދާނެތަ؟

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

29 ފެބުރުއަރީ 2020 - 10:56

ލަންޑަން (ފެބްރުއަރީ 29) - ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ވޯލްޑް ހެލް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނުމާ އެކު އިނގިރޭސި ސަރުކާރުން އަޅާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗައިނާގެ ވުހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނި މިހާރު ދުނިޔޭގެ އެކި ގައުމުތަކުން ވެސް މި ބަލީގެ އަސަރު ފެނިފައިވާއިރު ބޮޑެތި ބައެއް ފުޓްބޯޅަ ލީގުތަކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އިޓާލިއަން ލީގުގައި، ބަލި ފެތުރޭ ހިސާބުތަކުގައި ކުޅޭ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

އިންގްލެންޑުގެ ޓެލެގްރާފް އިން ރިޕޯޓްކުރާގޮތުގައި އިނގިރޭސި ސަރުކާރުން އަމަލުކުރަން ކަނޑައަޅާ ސިޔާސަތުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އެއްވެ ތިބޭ ގޮތަށް ހިންގާ ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ނުގެންދެވޭނެ އެވެ. އެ މިންގަނޑަށް ބަލާއިރު ފުޓްބޯޅަ ލީގުގެ މެޗުތައް ވެސް ނުކުޅެ އެވެ. އެހެންވެ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވެސް ޖެހޭނީ މެދުކަނޑާލާށެވެ.

ހަލުވި ކަމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުން އަންނަ މި ވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ އެކި ކުޅިވަރު މުބާރާތްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ގޮތުން ކެންސަލްކޮށްފައިވާ ކުޅިވަރު މުބާރާތްތަކަށް ބަލާއިރު ޗައިނާގައި މާޗް މަހު ބާއްވަން ނިންމި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ހިމެނެ އެވެ. އަދި ޖަރުމަނާއި ޕޮލެންޑް އަދި ވިއެޓްނާމްގެ ބެޑްމިންޓަން މުބާރާތްތަށް ކެންސަލްކުރިއިރު، އޮލިމްޕިކްސްގެ ބޮކްސިން ކޮލިފައިން ވެސް ވަނީ ފަސްކޮށްފަ އެވެ. އަދި ގޮލްފާއި ފޯމިއުލާ ވަންގެ ގިނަ އިވެންޓްތަކެއް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ލިވަޕޫލަށް ލީގު ނުލިބޭނެތަ؟

ޓެލެގްރާފްގައިވާ ރިޕޯޓްގައިވާ ގޮތުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލައިފިނަމަ އޭގެ ގެއްލުން އެންމެ ބޮޑީ މި ވަގުތު އެއް ވަނައިގައި އޮތް ލިވަޕޫލަށެވެ. ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 22 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން ބާކީ އޮތް 11 މެޗުން ބޭނުންވަނީ ހަތަރު މޮޅެވެ. އެކަމަކު 30 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލުން ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތަށް އޮތް ހުރަހަކީ ވައިރަހުގެ ބިރެވެ.

ރިޕޯޓްތައް ބުނާގޮތުން ލީގުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއް ކުޅެން ޖެހޭ 38 މެޗު ފުރިހަމަނުކޮށް އޮއްވައި ހުއްޓާލަން ޖެހިއްޖެނަމަ ވަކި ޓީމަކީ ޗެމްޕިއަނެއްގެ ގޮތުގައި ކަނޑައެއް ނޭޅޭނެ އެވެ. އަދި ލީގު ފުރިހަމަ ނުވަނީސް އެންމެ ފުލަށްދާ ތިން ޓީމެއް ރެލިގޭޓެއް ވެސް ނުވާނެ އެވެ.

އިނގިރޭސި އެފްއޭ އިން އަމަލުކުރަން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން މި ފަދަ ހާލަތެއްގައި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ފުރަތަމަ ބަލާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭށެވެ. އަދި އެ ގޮތަށް ވެސް ކުރިއަށް ގެންދެވެން ނެތްނަމަ މުއްދަތެއް ނެތް ގޮތަށް މެޗުތައް ފަސްކުރާނެ އެވެ. މިހާރު ޝެޑިއުލް އޮތްގޮތުން މުއްދަތެއް ނެތް ގޮތަށް ލީގު މެޗުތައް ފަސްކުރަން ޖެހިއްޖެނަމަ ފުޓްބޯޅަ ކަލަންޑަރަށް ބުރޫ އަރާނެ އެވެ. އަދި އަމުދުން މިއީ ޔޫރޯ އާއި ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސް އޮތް އަހަރަކަށް ވެފައި ޝެޑިއުލަށް އިތުރު ބަދަލެއް ގެންނަން ޖެހިއްޖެނަމަ އޭގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވުމުގެ ބިރު ވެސް އެބައޮތެވެ.

އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި ލީގު ފުރިހަމަނުކޮށް ހުއްޓާލަން ޖެހިއްޖެނަމަ ލިބޭނެ ގެއްލުމުގެ އަދަދު އެއް ބިލިއަން ޑޮލަރާ ގާތްކުރާނެ އެވެ.

0 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 56%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454