ބާސެލޯނާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2020 - 13:16
ބާސެލޯނާ (އޭޕްރީލް 2) - ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.
ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީޒް ކްލޯޒް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ކުރިން ބުނި ގޮތުގައި ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 180 މިލިއަން ޔޫރޯގަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޕީއެސްޖީން އަގެއް ކަނޑައަޅައިފި ނަމަ ފީފާ އަށް ދާން ނުޖެހި ސަލާމަތްވާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ތައްޔާރުވަނީ ނޭމާ ހޯދަން ކުރާ ބިޑްގައި މި ސީޒަނުގައި އެ ޓީމާ ގުޅުނު ގްރީޒްމަން ހިމަނާށެވެ. ބާސެލޯނާ އިން ގްރީޒްމަން ގަތީ އެތުލެޓިކޯ މެޑްރިޑަށް 130 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ.
ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޕީއެސްޖީން މިހާރު ނޭމާގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 180 މިލިއަން ޔޫރޯ އެވެ. ބާސެލޯނާގެ ވިސްނުން ހުރީ ނޭމާ ގެންނަން ގްރީޒްމަންގެ އިތުރުން 30 މިލިއަން ޔޫރޯ ދިނުމަށެވެ. ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ 30 މިލިއަން ޔޫރޯގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ނޭމާގެ ޑީލް ތެރޭގައި ހިމެނުމަށް ވެސް މަސައްކަތްކުރަމުންނެވެ.
މީގެ ކުރިން ޕީއެސްޖީން ވަނީ ގްރީޒްމަން ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ފަހުން އެ ޓީމުން ހިޔާލު ބަދަލުވެ މިސްރާބު ޖެހީ އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީ އަށެވެ. އިކާޑީ އަންނަނީ އިންޓަގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy