ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ
03 އެޕްރީލް 2020 - 10:47
އަސުންސިއޮން، ޕެރަގުއޭ (އޭޕްރީލް 4) - މުޅި ދުނިޔޭގެ ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ފުޓްބޯޅަ އަށް އަރާ ލޮޅުން ވެސް ކުޑައެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާއިރު، އެ ވައިރަހުން ޖެހޭ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް އަރައިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 50،000 އަށް ވުރެ މަތިވެފަ އެވެ.
ދުނިޔޭގެ އެކި ބައްރުތަކުގެ ފުޓްބޯޅަ މުބާރާތްތައް ހުއްޓިފައިވާއިރު، މި އަހަރު ބާއްވަން ތާވަލުކުރި ދެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އާއި ދެކުނު އެމެރިކާގެ ކޮޕަ އެމެރިކާ ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ފީފާ އިން އަންނަނީ މި ދަނޑިވަޅުގައި ކަންތައްތައް ކުރާނެ ގޮތްތަކާ ބެހޭގޮތުން އެކި ގައުމުތަކުގެ އޮފިޝަލުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރަމުންނެވެ.
އެ ގޮތުން ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަން/ ފެޑެރޭޝަންގެ އިސް ފަރާތްތަކާ އެކު އިންފަންޓީނޯ ވަނީ ދާދި ފަހުން ވީޑިއޯ ކޮންފަރެންސެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވީ އެންމެ ބޮޑު ކަމަކީ ޔަގީނުންވެސް ފުޓްބޯޅަ އަލުން ފެށޭނެ ތާރީހެއް ބުނެވެން ނެތުން ކަމަށެވެ.
"އަހަރެމެން ކޮންމެ މީހެއް ވެސް ބޭނުންވާނެ މާދަމާ ވެސް މެޗުތައް ފަށަން. އެކަމަކު އެ ހާލަތެއް ނެތް. އެއީ ދުނިޔޭގައި ނެތް އަލުން ފުޓްބޯޅަ ފެށޭނެ ތާރީހެއް ބުނެދެވޭނެ އެކަކު ވެސް. މި ހަގީގަތް ގަބޫލުކުރުން މި ވަގުތަށް އޮތީ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް ފީފާ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ ވިދާޅުވީ މިއީ ފުޓްބޯޅަ ރަނގަޅުކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކޭއިރު، އޮތް ޗެލެންޖަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުމުގެ އަސަރު ފުޓްބޯޅަ އަށް ކުރާނެ މިންވަރު ކުޑަނުވުން ކަމަށެވެ.
"ފުޓްބޯޅަ އަށް ވެސް ގޮންޖެހުން އެބަހުރި. ވަރަށް ބޮޑު ވެސް ވެދާނެ. ގަބޫލުކުރަން ޖެހޭ އަލުން ފުޓްބޯޅަ ފަށާއިރު ގިނަ ކަންތައްތަކެއް އޮންނާނީ ބަދަލުވެފައި. އެންމެން ވެސް އެކުގައި ތިބެ މަސައްކަތްކުރަންވާނީ ފުޓްބޯޅަ ހަމަމަގުގައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކޮރޯނާ ވައިރަސް ތެރޭގައި ގިނަ ކްލަބްތަކެއް ނެތިދިއުމުގެ ބިރާއި ކުރިއަށް ހުރި މުބާރާތްތަކުގެ ފެންވަރު ދަށްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ގިނަ ކްލަބްތަކުން ބަރޯސާވެފައި އޮންނަނީ ވިޔަފާރިތަކާ ގުޅޭ އާމްދަނީތަކަށްވާއިރު، ކޮވިޑް-19 ދިގުލައިގެން ގޮސްފިނަމަ ގިނަ ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު އޮތުމުންނެވެ.
މާލީގޮތުން ގައުމުތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށާއި ކުޅުންތެރިންނަށް ކެރިއަރުގައި ކުރިއަށްދާން މި ދަނޑިވަޅުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދޭން ފީފާއިން ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ދެއްވި އެވެ. ފީފާ އިން ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައުފަރު
03 April 2020
ބުރޯ ފުޓުބޯޅައެއް ނޫން، ތި ބޭފުޅުންގެ އެކައުންޓްތަކަށް ވެސް ލޮޅުން އަރާނެ
ޢީސާފުޅު
03 April 2020
ޢެންމެންގެ އެކައުންޓް ތަކަށް ވެސް