05 އެޕްރީލް 2020 - 11:11
ރިއޯ ޑި ޖަނޭރޯ (އޭޕްރީލް 5) - ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ ފަރާތުން ދޭ އެހީ ކުޑަކުދިންނަށް ހާއްސަކޮށްފި އެވެ.
މަޝްހޫރު ގިނަ ބަޔަކު އަންނަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނޭމާގެ ފަރާތުން ދޭ އެއް މިލިއަން ޑޮލަރު ހަރަދުކުރާނީ ކުޑަކުދިންގެ ހަރަދުތަކަށެވެ. މި އެހީގެ އެއް ބައި ހަވާލުކުރާނީ އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފަށެވެ. އަދި އަނެއް ބައި ދޭން ނިންމީ ނޭމާގެ ރަހުމަތްތެރިޔާ ލޫޝިއާނޯ ހަކް ފަށާފައިވާ ކުޑަކުދިންނަށް އެހީތެރިވުމުގެ ޗެރިޓީ އަށެވެ. މި އެހީ ހަރަދުކުރާނީ ކޮވިޑް-19 ޖެހޭ ކުޑަކުދިންނަށެވެ.
މީގެ މަހެއްހާ ދުވަސްކުރިން ނޭމާ ވަނީ ފްރާންސްގެ ކޮވިޑް-19 ސަޕޯޓް ޗެރިޓީ ފަންޑަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އުމުރުން 28 އަހަރުގެ ނޭމާގެ ޕްރެސް އޮފީހުން ވަނީ އޭނާގެ ފަރާތުން ދޭ އެހީތަކާ ބެހޭގޮތުން މީޑިއާގައި ވާހަކަ ނުދައްކާނެ ކަމަށާއި މީގެ މުހިއްމީ ކަމަކަށް ބޭނުންވާ މީހުންނާ ލުއި ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
ފްރާންސްގައި ކޮރޯނާވައިރަސް ފެތުރޭތީ ޕީއެސްޖީން ވަނީ އެ ކްލަބަށް ކުޅޭ އެހެން ގައުމުތަކުގެ ކުޅުންތެރިން އަމިއްލަ ގައުމަށް ދާން ރިލީޒްދީފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އުމުރުން 28 އަހަރުގެ ނޭމާ ވަނީ ބްރެޒިލްގައި ހުންނަ އޭނާގެ ލަގްޒަރީ ވިލާ އަށް ބަދަލުވެފަ އެވެ.
ގިނަ ފުޓްބޯޅަ ކުޅުންތެރިން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރަން ކުރެވޭ މަސައްކަތަށް އެހީވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަދި ރޮބާޓް ލެވަންޑޯސްކީ ހިމެނެ އެވެ. ދާދި ފަހުން ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ވެސް ވަނީ ސްޕެއިންގެ ހޮސްޕިޓަލަކަށް އެއް މިލިއަން ޔޫރޯގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 1.2 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 246،703 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy