ބާސެލޯނާ މެޗެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2020 - 12:16
ބާސެލޯނާ (އޭޕްރީލް 10) - ފާއިތުވި ދުވަސްތަކުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ ގުޅުވައިގެން މީޑިއާގައި ދެކެވުނު ވާހަކަތަކަށް އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރައްދުދީފި އެވެ.
ސްޕެއިނާއި ދެކުނު އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ދެ ހަބަރެއް މެސީ ވަނީ ދޮގުކޮށްފަ އެވެ. ފުރަތަމަ ހަބަރަކީ އިޓަލީގެ އިންޓަ މިލާނަށް އޭނާ ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ދެކެވުނު ވާހަކަތަކެވެ. އަދި ދެ ވަނަ ހަބަރަކީ މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ޖަލުން މިނިވަން ކުރަން މެސީ ފައިސާ ދެއްކި ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތަކެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު އުފެދިފައިވާ މައްސަލަގަނޑުގެ ސަބަބުން މެސީ މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަފާނެ ކަމަށް ވާހަކަދެކެވެ އެވެ. ބާސެލޯނާ އާއި މެސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މި ސީޒަން ނިމުމުން އޭނާ އަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރު ލިބެ އެވެ. ބާސެލޯނާ ތެރޭގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ސަބަބުން މެސީ އެ ޓީމު ދޫކޮށް އިންޓައާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ފުރަތަމަ ރިޕޯޓްކުރީ ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުންނެވެ. ފަހުން ދެކުނު އެމެރިކާ އާއި އިޓަލީގެ މީޑިއާތަކުގައި ވެސް އެ ވާހަކަތައް ދެކެވުނެވެ.
މެސީ އޭނާގެ އިންސްޓަގްރާމްގައި ބުނީ މީގެ ދުވަސް ކޮޅެއް ކުރިން އޭނާ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ބަދަލުވާން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނު ކަމަށާއި އެ ވާހަކަ ތަކުގައި ވެސް ހަގީގަތެއް ނެތްކަން ގިނަ ބަޔަކަށް އެނގުމުން އުފާކުރާ ކަމަށެވެ.
ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވި މައްސަލައިގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ތިބި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެއާ އެކު ބްރެޒިލާއި ދެކެނު އެމެރިކާގެ މީޑިއާތަކުން ވަނީ ރޮނާލްޑީނިއޯ މިނިވަން ކުރަން މެސީ ހަރަދުކުރިކަމަށް ބުނެ ވާހަކަތަކެއް ދައްކައިފަ އެވެ. މެސީ ވަނީ އެ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. މެސީ ވަނީ އޭނާގެ ސީނިއާ ކެރިއަރުގެ ކުރީކޮޅުގައި ރޮނާލްޑީނިއޯއާ އެކު ބާސެލޯނާ އަށް ކުޅެފަ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހޭ ނިސްބަތް އާޖެންޓީނާ އާއި ސްޕެއިނުގައި އިތުރުވަމުން އަންނައިރު، މެސީ ވަނީ އެ ދެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކޮރޯނާވައިރާހާ ގުޅިގެން ބާސެލޯނާގެ ހަރަދުތަށް ކުޑަކޮށް ކްލަބްގެ ހުރިހާ މީހުންގެ ވަޒީފާ ސަލާމަތްކުރަން ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ބާސެލޯނާ ކުޅުންތެރިން ވަނީ މި ވަގުތު މުސާރައިގެ 70 ޕަސެންޓް ނުނަގަން ނިންމައިފަ އެވެ. މިކަން ހުރިހާ ކުޅުންތެރިންގެ ފަރާތުން އިއުލާނުކުރީ ޓީމުގެ ކެޕްޓަން މެސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބޭޭ
10 April 2020
މެސީއަކީ ލީޑަރެއް.