18 އެޕްރީލް 2020 - 13:04
ލިޒްބަން (އޭޕްރީލް 18) - ޗެލްސީ އަށް 2004 ވަނަ އަހަރު ބަދަލުވުމުގެ ކުރިން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ލިވަޕޫލާ ހަވާލުވާން އެއްބަސްވި ކަމަށް އޭނާގެ ކުރީގެ އެޑްވައިޒަރު ޖޯޖް ބެއިޑަކް ބުނެފި އެވެ.
ދާދިފަހުން ޝާއިއުކުރި މޮރީނިއޯއާ ބެހޭ ފޮތް "މޮރީނިއޯ: ބިޔޯންޑް ދަ ސްޕެޝިއަލް ވަން، ޓު ދަ އޮރިޖިން ޓު ދަ ގްލޯރީ" އަށް ބެއިޑަކް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޗެލްސީގެ ހުށަހެޅުން ލިބުމުގެ ކުރިން މޮރީނިއޯ ވަނީ ލިވަޕޫލަށް ދާން ނިންމާފައި ކަމަށެވެ.
"މޮރީނިއޯ ދާން އޮތީ ލިވަޕޫލަށް. ރިކް ޕެރީ (އޭރު ލިވަޕޫލްގެ ޗީފް އެގްޒެކްޓިވް) އޭރު ކަންތައްތަކާ ހަވާލުވެ ހުރީ. އޭރު މޮރީނިއޯއާ އެކު އެއްބަސްވުމެއް ލިވަޕޫލުން ހެދި. ދެން ލިވަޕޫލުން އެ ދުނީ އޭރު ލިވަޕޫލްގެ ކޯޗަކަށް ހުރި ޖެރާޑް ހޫލިއޭ މަގާމުން ދުރުކުރުމުގެ ކަންތައްތައް ކުރަން 15 ދުވަސް ދޭން،" ބެއިޑަކް ބުންޏެވެ.
އެ 15 ދުވަހުގެ މުހުލަތުގައި ބޭއްވުނު މަޝްވަރާތަކުގައި ހޫލިއޭގެ އޭޖެންޓް ބްރޫނޯ ސެޓިން ވެސް ބައިވެރިވި ކަމަށާއި އެހެން ނަމަވެސް މޮރީނިއޯގެ ހުރިހާ ވިސްނުމެއް ބަދަލުވީ ކުއްލިއަކަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒަށް ޗެލްސީގެ ހުށަހެޅުން ލިބުމުން ކަމަށެވެ.
ޕޯޓޯގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު މޮރީނިއޯ އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ބައްދަލުކުރި ކަމަށާއި އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން މޮރީނިއޯ ޗެލްސީ އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދިޔައީ އަބްރަމޮވިޗްގެ ޔޮޓުގައި ކަމަށް ބުނެފައިވެ އެވެ.
މޮރީނިއޯ ވަނީ ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދިނުމުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާ ވެސް ހަވާލުވެފަ އެވެ. އޭނާ މިހާރު ކޯޗުކޮށްދޭ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހުގަ އެެވެ. މޮރީނިއޯ މިދިޔަ ޖެނުއަރީ މަހު ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ކެރިއަރުގައި ގިނަ އިނގިރޭސި ކްލަބްތަކެއްގެ ހުށަހެޅުން ލިބުނު ކަމަށް ބުނެފަ އެވެ.
ކުރިން ބާސެލޯނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މޮރީނިއޯ ވަނީ އިންޓަ މިލާނާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ ކޯޗިން ކެރިއަރުގައި 23 ތަށި އުފުލާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy