21 އެޕްރީލް 2020 - 14:14
މޮނާކޯ (އޭޕްރިލް 21) – ލިއޮނަލް މެސީ އޭނާގެ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުރިން ކުޅުނު ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.
މިހާތަނަށް މުޅި ކެރިއަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށް މީގެ އަހަރުތަކެއް ކުރިއާ ހަމަޔަށް މާގިނަ ބަޔަކު ހީނުކުރާނެ އެވެ. އެކަމަކު ފަހަކަށް އައިސް ކްލަބާ މައްސަލަތަކެއް ޖެހި އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވީ އެވެ. މި ސީޒަނަށް ފަހު، ނިސްބަތުން ހެޔޮ އަގަކަށް ކްލަބް ބަދަލުކުރުމުގެ ފުރުސަތު ކޮންޓްރެކްޓުން މެސީ އަށް ލިބޭ ވެސް މެ އެވެ.
"އަހަރެން މެސީއާ ވާހަކަދައްކަން. އަބަދުވެސް އޭނާގެ ވިސްނުމަކީ ބާސެލޯނާގައި ކެރިއަރު ނިންމާލުން. ކްލަބެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިނގައިފާނެ. އެކަމަކު އަހަންނަށް ފުރިހަމަ އިތުބާރު އެބައޮތް އޭނާ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމުގެ،" ފްރާންސްގެ މޮނާކޯ އަށް މިހާރު ކުޅޭ ފެބްރެގާސް ބުންޏެވެ.
ކުރިން ބެލެވިފައި އޮތީ މެސީ ބާސެލޯނާ އަށް ފަހު ދެން ގުޅޭނީ އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސްއާ އެވެ. އެކަމަކު މިހާ އަވަހަށް ބަދަލުވާ ނަމަ އޭނާ ބޮޑު ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން އިޓަލީގެ އިންޓަ މިލާނުން އޭނާ އަށް ޝައުގުވެރިވާ ކަމުގެ އަޑުތަކެއް ދާދި ފަހުން އެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy