27 އެޕްރީލް 2020 - 13:24
ރިއޯ ޑި ޖަނޭރޯ (އޭޕްރީލް 27) - ބްރެޒިލްގެ ތަރި ނޭމާ އަށް ޔޫރަޕުން އެންމެ ފުރަތަމަ ބިޑް ކުރި ޓީމަކީ ޗެލްސީ ކަމަށް އޭނާގެ ކުރީގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.
ސަންޓޯސް ޔޫތު ޓީމުން 2003 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ނޭމާ އެންމެ ފުރަތަމަ ސީނިއާ ޓީމުން ޖާގަ ހޯދަން ފެށީ އޭގެ ހައެއްކަ އަހަރު ފަހުންނެވެ. އޭނާގެ ވިދުން އެންމެ ގަދަވާން ފެށީ 2010 ވަނަ އަހަރު ސަންޓޯސްގެ ފުރަތަމަ އެގާރައިގައި ދައްކަން ފެށި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ އަހަރު އޭނާ އަށް ބްރެޒިލްގެ ގައުމީ ޓީމުން ވެސް ފުރުސަތު ދިނެވެ.
"އަހަރެން ނިއުޔޯކްގައި 2010 ވަނަ އަހަރު ހުއްޓައި ނޭމާ އަށް ޗެލްސީގެ ހުށަހެޅުމެއް ލިބުނު. އެއީ ޔޫރަޕުން އޭނާ އަށް ލިބުނު ފުރަތަމަ އޮފާ. ޗެލްސީން ނޭމާ ގަންނަން ވަރަށް ބޭނުންވި. ނޭމާ ބްރެޒިލް ޓީމަށް ފުރަތަމަ މެޗު ކުޅުނު ދުވަހު އެއީ. އޭގެ ފަހުން ވެސް ވަރަށް ގިނަ ފަހަރަށް މަޝްވަރާކުރެވުނު،" ރިބެއިރޯ ބުންޏެވެ.
އެ ދުވަސްވަރު ބްރެޒިލް ކުޅުންތެރިންނަށް ޗެލްސީން ވަރަށް ބޮޑަށް ފާރަލި އެވެ. ނޭމާ ގެންނަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވުމުން ޗެލްސީން އޭރު ވަނީ އޮސްކާ ގެންގޮސްފަ އެވެ. ޗެލްސީގެ ހުށަހެޅުމަށް ފަހު ދެން ޔޫރަޕުގެ ޓީމުތަކުން ފުލުފުލުގައި ނޭމާ ގެންދަން ބޮޑެތި އަގު ހުށަހަޅަން ފެށި އެވެ.
"ދެން ވާހަކަ ދައްކައި އެކި އަގުތައް ހުށަހެޅި ބަޔާން މިއުނިކުންނާއި ޔުވެންޓަސް އިން. ކޮންމެ އޮފާއެއް އައި ކަމަށް ވިޔަސް އަހަރެން ނޭމާއާ ވާހަކަ ދެއްކިން. އޭނަގެ ބައްޕައާ ވެސް މަޝްވަރާކުރިން. ފަހުން ނޭމާގެ ބައްޕަ ބޭނުންވީ އޭނަގެ އެޖެންޓަކަށް ވާން. އެކަމަކު އަދި ވެސް އަހަރެން މި މަސައްކަތްކުރަނީ އެ މީހުންނާ އެކު،" ރިބޭރޯ ބުންޏެވެ.
ނޭމާ ހޯދުމުގެ ރޭހުގައި ކުރިހޯދީ 2013 ވަނަ އަހަރު ބާސެލޯނާ އިންނެވެ. ވާދަވެރި ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލައި ބާސެލޯނާ އިން ނޭމާ ގަތީ 57 މިލިއަން ޔޫރޯ ދީފަ އެވެ. ބާސެލޯނާ އިން ޕީއެސްޖީ އަށް ނޭމާ ވިއްކާލީ 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯ އަށެވެ. މި ސީޒަނަށް ފަހު ނޭމާ އަލުން ބާސެލޯނާ އަށް ދާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވޭއިރު، ރިބެއިރޯ ބުނީ އަދިވެސް ރެއާލުން ނޭމާ ގެންދަން ޝައުގުވެރިވާ ކަމަށެވެ.
"މެޑްރިޑްގައި އަހަރެން ވަރަށް ގިނައިން ރެއާލްގެ ރައީސް ފްލޮރެންޓީނޯއާ ބައްދަލުކުރަން. ބްރެޒިލް ކުޅުންތެރިންގެ ވާހަކަ ވެސް ދައްކަން. އޭނަ އަބަދުވެސް ނޭމާ ބޭނުން. އަދިވެސް ނޭމާ ރެއާލަށް ގެނައުމުގެ އުއްމީދު ދޫކޮށެއް ނުލާ،" ރިބޭރޯ ބުންޏެވެ.
ފަހަކަށް އައިސް ރެއާލުން ބްރެޒިލްގެ ކުޅުންތެރިން ގަތުމުގައި އޭނާގެ އެހީތެރިކަން ވެސް ރެއާލަށް ފޯރުކޮށްދޭ ކަމަށް ރިބޭރޯ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޓު
29 April 2020
ބޮޓު ނޭ މާ
ޕޮގުބަ
27 April 2020
މޮޔަސޮރެއް
ޖަހޯބަރާ
27 April 2020
ގަންނާނެއްބާާ..؟ ގަންނާނެއްބާ..! ހުސްވަނީ.. އެއްކިބަ ގަތީމަ އަނެއްކިބަ ހިލޭ..! ގަންނާނެއްބާ.؟