ސެމީ އިން ބަލިވުމުން ޖޮކޮވިޗް ރުޅިގަދަ ވެގެން ޖާޒީ އިރާލަނީ.--- ފޮޓޯ: އޭއެފްޕީ
16 އޮކްޓޯބަރ 2016 - 08:17
ޝަންހާއީ، ޗައިނާ (އޮކްޓޯބަރު 16) - ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލުން އެންޑީ މަރޭ ޖާގަ ހޯދިއިރު، ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ސެމީ އިން ކަޓައި މެޗަށް ފަހު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރަނގަޅު ފޯމެއްްގައި ކުޅެމުން އަންނަ މަރޭ ފައިނަލުން ޖާގަ ހޯދީ ސެމީގައި ފަސޭހަކަމާ އެކު ފްރާންސްގެ ޖިލްސް ސައިމަން ބަލިކުރުމަށް ފަހު އެވެ. މަރޭ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4 6-3 އިންނެވެ. މިއީ މި އަހަރު މަރޭ ކުޅޭ 10 ވަނަ ފައިނަލެވެ.
ޖޮކޮވިޗް ސެމީން ކެޓީ ދުނިޔޭ 19 ވަނައިގައި އޮތް ބައުޓިސްޓާ އެގަޓް އަތުން ބަލިވުމުންނެވެ. ޖޮކޮވިޗްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ބައުޓިސްޓާ ގެންދިޔައީ 6-4 6-4 އިންނެވެ.
މި މެޗުން ބަލިވުމުން ޖޮކޮވިޗް ވަނީ މެޗަށް ފަހު ރެކެޓް އެއްލާލައިފަ އެވެ. އަދި ލައިގެން ހުރި ޖާޒީ ވެސް ވީދާލި އެވެ. އަދި މެޗުގެ އަމްޕަޔަރަށް ތުހުމަތުކޮށް ވާހަކަ ވެސް ވަނީ ދައްކައިފަ އެވެ.
"މި މެޗު ގޯސްވީ އަމްޕަޔަރުގެ ގޯސް ނިންމުންތަކުގެ ސަބަބުން. އޭނާ ގަސްދުގައި އަހަރެންނަށް ލިބެން ޖެހޭ ޕޮއިންޓުތައް ވެސް އުނިކުރީ. މި މެޗުގެ ތަރިއަކީ އަމްޕަޔަރު. މިއީ އަހަރެން ޖަޒުބާތުގައި ޖެހިގެން ދެއްކޭ ވާހަކަ ކަމަށް ވެސް ވެދާނެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް މިއީ މި ވަގުތު ބުނަން ބޭނުން ވާހަކައެއް،" މެޗަށް ފަހު ދިން އިންޓަވިއުގައި ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗް ވަނީ މީގެ ކުރިން ޝަންހާއީ މާސްޓާސް ތިން ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފަ އެވެ.
ސެމީން މޮޅުވުމަށް ފަހު މަރޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ޖޮކޮވިޗްގެ މި ނާކާމިޔާބީއާ އެކު މަރޭ އަށް ވަނީ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމުގެ އުއްމީދު އާވެފަ އެވެ. މާދަމާ ޝަންހާއީ މާސްޓާސްގެ ފައިނަލުން ދުނިޔޭގެ ދެ ވަނައިގައި އޮތް މަރޭ މޮޅުވެއްޖެނަމަ ޖޮކޮވިޗާ އޭނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 915 ޕޮއިންޓަށް ކުޑަވާނެ އެވެ. މި އަހަރުގެ ބާކީ އޮތް މުބާރާތްތަކުގައި ޖޮކޮވިޗަށް ވުރެން މަރޭގެ ނަތީޖާ އަށް ރަނގަޅުވެއްޖެނަމަ ރޭންކިން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.
މަރޭ ވަނީ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމަކީ އޭނާގެ އެންމެ ބޮޑު ޓާގެޓް ކަަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy