ޔޫނިއަން ބާލިންގެ ކޯޗު ފިޝާ (ވ) އާއި އޯގްސްބާގްގެ ކޯޗު ހެއީކޯ ހާލީޝް (ކ).
16 މެއި 2020 - 13:58
ބާލިން (މެއި 16) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގު މިއަދު ފަށަން ނިންމާފައިވަނިކޮށް، ކަރަންޓީނު ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޔޫނިއަން ބާލިންގެ ކޯޗު އޫރްސް ފިޝާ އާއި އޯގްސްބާގްގެ ކޯޗު ހެއީކޯ ހާލީޝް ޓީމާ ވަކިން ކަރަންޓީނު ކޮށްފި އެވެ.
ޖަރުމަނު ސަރުކާރުން އެ ގައުމުގައި އަލުން ފުޓްބޯޅަ ކުޅެން ފަށަން ހުއްދަ ދިނީ ވަރަށް ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅައިފަ އެވެ. އެ ގަވާއިދުތައް ހިމެނޭގޮތަށް ޖަރުމަނު ފުޓްބޯލް ލީގު (ޑީއެފްއެލް) އިން ވަނީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި ހިމެނޭ ކޮންމެ މީހަކު މަދުވެގެން ހަފްތާއެއްގެ ކަރަންޓީނެއްގައި ހުންނަންޖެހެ އެވެ. އެކަމަކު ފިޝާ އާއި ހާލީޝް ވަނީ މި ހަފްތާ ތެރޭގައި އެ އުސޫލާ ހިލާފުވެފަ އެވެ.
މާދަމާރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ޖެހޭ ޔޫނިއަން ބާލިންގެ ކޯޗު ފިޝާ ބޭރަށް ދާން ޖެހުނީ މިދިޔަ ހޯމަ ދުވަހު އޮތް އޭނާގެ އަންހެނުންގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށެވެ. އަދި ހާލީޝް ބޭރަށް ނުކުތީ ސުޕަ މާކެޓަށް ދިއުމަށެވެ. މި ދެ ކޯޗުންނަށް ވެސް އުސޫލުގެ ތެރެއިން އަލުން ޓީމާ ގުޅުމުގެ ހުއްދަދޭނީ ކޮވިޑް-19 އަށް ދެ ފަހަރެއްގެ މަތިން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުންނެވެ. އެ ދެ ޓެސްޓް ވެސް ކުރެވޭނީ އެންމެ އަވަސްވެގެން ހަތް ދުވަސްތެރޭގަ އެވެ.
ޔޫނިއަން ބާލިންގެ ރައީސް ޑާކް ޒިންގްލާ ވިދާލުވީ އެ ޓީމުގެ ކޯޗު ފިޝާ އަށް ކަރަންޓީނު ގަވާއިދު މުގުރާލަން ޖެހުނީ މަޖުބޫރުން ކަމުގައި ވިޔަސް އޮންނަ އުސޫލުތަކަށް ތަބާވާންޖެހޭނެ ކަމަށާއި އެ ގޮތުން ޑީއެފްއެލްގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އޯގްސްބާގްގެ ކޯޗު ހާލީޝް ވަނީ އޭނާ އަށް ކުރެވުނު ކުށަށް މާފަށް އެދިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޯގްސްބާގުން މިއަދުގެ މެޗުގައި އަމިއްލަ ދަނޑުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުގައި އިރުޝާދުދޭނީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.
"އަހަންނަކީ މި ފަދަ ދަނޑިވަޅެއްގައި މިސާލު ދައްކަންޖެހޭ މީހެއް. އެކަމަކު އަހަރެންގެ އަމަލުތައް ފެނުނީ އެގޮތަކަށް ނޫން. އަހަރެން ބޭނުން މާފަށް އެދެން. މިކަން ތަކުރާރެއް ނުވާނެ،" ހާލީޝް ބުންޏެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޔޫރަޕްގެ ވަރުގަދަ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުޓްބޯޅަ ސީޒަން އަލުން ފަށާނެ ގައުމަކީ ޖަރުމަނެވެ. ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ނިންމާފައިވާއިރު، މިއަދު ހަ މެޗެއް ކުޅެން ވަނީ ތާވަލުކޮށްފަ އެވެ. މެޗުތައް ފެށުމުގެ ކުރިންނާއި މެޗުގެ ތެރޭގައި ވެސް ޖަރުމަނުގެ ސިއްހީ ދާއިރާތަކުގެ އޮފިޝަލުން ދަނޑުތަކުގައި ހަރަކާތްތެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy