ޔޫރަޕް ފުޓްބޯޅައާ މެދު ކެފެރިންގެ އުއްމީދީ ވާހަކަތަކެއް

ލިޒްބަން، ޕޯޗުގަލް (ޖޫން 20) – ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު އޮގަސްޓުގެ ނިޔަލަށް ފުރިހަމަކުރަން އަމާޒުކޮށްފައިވާ ކަމަށް ޔުއެފާގެ ރައީސް އެލެކްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.


ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ވެސް ރޭވިފައި އޮތީ ގައުމުގެ ލީގުތައް އަވަހަށް ފަށައި ޖުލައި މަހުގެ ނިޔަލަށް ނިންމާލައި އޮގަސްޓުގެ ތެރޭގައި ޔޫރަޕުގެ މުބާރާތްތައް ބާއްވާށެވެ. އެގޮތުން ޖަރުމަން ލީގު މިހާރު ފަށާފައިވާއިރު އިނގިރޭސި ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގު އަންނަ މަހު ފަށައި ޖުލައިގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ. އޭރަށް ޔޫރަޕް މުބާރާތްތައް ބާއްވަން އޮގަސްޓް މަސް ލިބޭނެ އެވެ. އެކަމަކު އޭގެ ކުރިން ވެސް ފަށައިފާނެ ކަމުގެ އިޝާރާތެއް ކެފެރިން ވަނީ ދެއްވައިފަ އެވެ.

"އަހަރެމެންގެ ޕްލޭނަކީ މިވަގުތުން ފެށިގެން އޮގަސްޓުގެ ނިޔަލަށް ނިންމުން. އަހަންނަށް ވިސްނޭ ގޮތުގައި އެގޮތަށް މަސައްކަތްކުރާނެ. ވާނެ ގޮތެއް ބުނާކަށް ނޭގޭނެ އެކަމަކު ފެންނަނީ ކަންކަން (ވައިރަހުގެ ހާލަތު) ހަމަޔަކަށް އެޅެމުން އަންނަތަން،" ޕޯޗުގަލްގެ ސްޕޯޓްސް ޑެއިލީ ރެކޯޑް އަށް ދެއްވި އިންޓަވިއުއެއްގައި ކެފެރިން ވިދާޅުވި އެވެ. 'ޔޫރަޕުގެ ލީގުތަކުގެ އަށްޑިހަ ޕަސެންޓް އަލުން ފަށާނެ. އަހަންނަށް ނުފެނޭ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ނޯންނަންވީ ސަބަބެއް."

އިންގްލެންޑުގެ ދަ ގާޑިއަން އަށް ދެއްވި އިންޓަވިއުއެއްގައި ކެފެރިން ވަނީ އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނާނެކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. އެ މުބާރާތް އަންނަ އަހަރަށް ފަސްކުރީ، މެދުކަނޑާލި ނެޝަނަލް ލީގުތަކާއި ޔޫރަޕުގެ ކްލަބް މުބާރާތްތައް ކުރިއަށް ގެންދަން ޖޫން/ޖުލައި ހުސްކުރުމުގެ ގޮތުންނެވެ.

"އަހަންނަށް ނޭގޭ އެ މުބާރާތް ނުކުޅެންވީ ސަބަބެއް،" ކެފެރިން ވިދާޅުވި އެވެ. "އަހަންނަށް ނުވިސްނޭ ވައިރަސް އަބަދަށް ދެމި އޮވެދާނެ ކަމަކަށް. އަހަންނަށް ވިސްނޭ ގޮތުގައި އެކަން ބަދަލުވެދާނެ ގިނަ ބަޔަކު ވިސްނާ ވަރަށް ވުރެ އަވަހަށް."

ކެފެރިން ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުޓްބޯޅަ ތަބާވާނެ ކަމަށާއި އެކަމަކު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ވަރަށް ވުރެ އަވަހަށް ސަޕޯޓަރުން ދަނޑަށް އަންނަން ފަށާނެ ކަމަށެވެ.

"އަހަންނަށް އަމިއްލަ ގޮތުން ޔަގީން ކަށަވަރު، ފުޓްބޯޅަ ސަޕޯޓަރުންނާ އެކު ވަރަށް އަވަހަށް އަންނާނެކަމުގެ،" ކެފެރިން ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ފުޓްބޯޅަ އަށް ބޮޑެތި ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"ފުޓްބޯޅަ ބަދަލެއް ނުވޭ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ނޫނީ އެއް ވަނަ ބޮޑު ހަނގުރާމަ އަށް ފަހު. އަދި އެ (ފުޓްބޯޅަ) ބަދަލެއް ނުވާނެ ވައިރަހުގެ ސަބަބުން ވެސް،" ކެފެރިން ވިދާޅުވި އެވެ.