ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ އޮސާކާ.-- ފޮޓޯ: އޭއެފްޕީ
23 މެއި 2020 - 13:31
ލަންޑަން (މެއި 23) - މިވަގުތު ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އަންހެން ކުޅިވަރު ކުޅުންތެރިޔަކީ ޓެނިސް ތަރި ޖަޕާނުގެ ނައޯމީ އޮސާކާ ކަމަށް ފޯބްސް އިން ބުނެފި އެވެ.
އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން މިދިޔަ 12 ދުވަހު ކުޅުންތެރިންނަށް ލިބޭނެ އާމްދަނީ އެއްކޮށްގެންނެވެ. އެ ގޮތުން އުމުރުން 22 އަހަރުގެ އޮސާކާ އެއް ވަނައިގައި އޮތީ 37.4 މިލިއަން ޑޮލަރު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ އޮސާކާ އަށް ވުރެން 1.4 މިލިއަން ޑޮލަރު މަދުން ލިބުނު ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސް އެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އަބަދުވެސް އޮންނަނީ ޓެނިސް ކުޅުންތެރިންނެވެ. މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން ޓެނިސް ކުޅުންތެރިޔަކީ ދާދި ފަހުން ރިޓަޔާކުރި ރަޝިއާގެ މާރިއާ ޝަރަޕޯވާ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު 29.7 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
ފޯބްސް އިން ރަސްމީކޮށް އެންމެ ބޮޑު އާމްދަނީ ލިބުނު 100 ކުޅުންތެރިން އިއުލާނުކުރާނީ އަންނަ ހަފްތާގަ އެވެ.
އެންމެ ފުރަތަމަ އޮސާކާ ޕްރޮފެޝަނަލެއްގެ ގޮތުގައި ސީނިއާ ކެރިއަރުގައި މެޗަކަށް ނުކުތީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގަ އެވެ. އޮސާކާ އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން އާއި 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުމުންނެވެ. އޭނާ އަކީ އެ ކާމިޔާބީ ހާސިލްކުރި ޖަޕާނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
އޮސާކާގެ އާމްދަނީ މިދިޔަ އަހަރެއްހާ ދުވަހު އިތުރުވި އެންމެ ބޮޑު ސަބަބަކީ އެކި ކުންފުނިތަކުގެ އިޝްތިހާރުތައް ލިބެން ފެށުމުންނެވެ. އެ ގޮތުން މި އަހަރު ޖަޕާނުގައި ބާއްވަން ތާވަލްކޮށް (މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ) ޓޯކިޔޯ އޮލިމްޕިކްސްގެ ގިނަ އެންޑޯޒްމަންޓް ޑީލުތަކެއް ވަނީ އޮސާކާ އަށް ލިބިފަ އެވެ. އަދި އޭނާ ވަނީ 2025 އާ ހަމައަށް ނައިކީއާ އެކު ޑީލެއްގައި ސޮއިކޮށްފަ އެވެ. އެއީ އަހަރަކު 10 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އޭނާގެ އެހެން ސްޕޮންސަރުންގެ ތެރޭގައި ނިސާން އާއި ޔޮނެކްސް ހިމެނެ އެވެ.
އެންމެ ފަހުން މިދިޔަ މާޗް މަހު އާންމުކުރި ޓެނިސް ރޭންކިންގައި އޮސާކާ އޮތީ ދުނިޔޭގެ 10 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy