އޮސްޓްރޭލިއަން އޯޕަން ތަށްޓައް ނައޯމޯ ބޮސްދެނީ.-- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2019 - 08:53
ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސް 1999 ވަނަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރި މެޗު ބަލަން ޓީވީ ކައިރީގައި ހުރި، ހައިޓީ އަށް އުފަން ލިއޮނާޑް ފްރަންކޮއިސް ބޭނުންވީ އޭނާގެ ދެ އަންހެން ކުދިންގެ ތެރެއިން އެކަކު ޓެނިސް ދުނިޔެ އަށް ދޫކޮށްލާށެވެ. އެކަމަށް އަޒުމުކަނޑައަޅައި އެކި ގޮތްގޮތުން އޭނާގެ ދެ ދަރިންނަށް ޓެނިސް ތަމްރީން ދޭން ފެށި އެވެ. އޭގެ ތެރެއިން ނައޯމީ އޮސާކާ ޓެނިސް ކުޅެން ފެށީ ބައްޕަގެ ރުހުން ހޯދުމާއި ފޫހިފިލުވުމުގެ ގޮތުންނެވެ. މިހާރު އޭނާ އަކީ ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިއާ އެވެ.
ނައޯމީ އެންމެ ފުރަތަމަ ޕްރޮފެޝަނަލެއްގެ ގޮތުގައި ސީނިއާ ކެރިއަރުގައި މެޗަކަށް ނުކުތީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގަ އެވެ. އެ ފަހަރު މުބާރާތެއްގައި ދުނިޔޭގެ 406 ވަނަ ކުޅުންތެރިއާގެ ގޮތުގައި ރެންކިންގައި އޮތް ނައޯމީ ވަނީ އޭރު ދުނިޔޭގެ 19 ވަނައިގައި އޮތް މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސަމަންތާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ހިސާބުން ގިނަ ބަޔެއްގެ ލޯ އޭނާ އަށް އަމާޒުވާން ފެށި އެވެ.
އަހަރަށް ފަހު އަހަރެއް ކުރިއެރުން ހޯދަމުން އައިސް ނައޯމީގެ ވިދުން އެންމެ ގަދަވާން ފެށީ ދުނިޔޭގެ ރޭންކިންގެ ގަދަ 10ގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނާ ދެކޮޅަށް ޓެނިހުގެ ބޮޑެތި މުބާރާތް ކަމަށްވާ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި އޭރުގެ ދުނިޔޭގެ ހަ ވަނަ އެންޖެލިކާ ކާބާ އަތުން ހޯދި މޮޅު އެއީ ހާއްސަ މެޗެކެވެ. އެއީ ގަދަ ދިހައެއްގައި އޮތް ކުޅުންތެރިއަކު އަތުން ނައޯމީ ހޯދި ފުރަތަމަ މޮޅެވެ. އޭގެ އެ އަހަރު އޭނާ ވަނީ ހޮންކޮން އޯޕަންގައި ވީނަސް ވިލިއަމްސް ބަލިކޮށްފަ އެވެ.
މެޗެއްގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު ނައޯމީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ނައޯމީ ބޭނުންވި ދުވެލީގައި އޭނާ އަށް 2017 ވަނަ އަހަރު ކުރިއެރުން ހޯދިފައިނުވާތީ އޭނާ 2018 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ވަނީ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ޝަޝްއާ ބޭޔިންގެ އިރުޝާދުގެ ދަށުން ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އޭނާއާ އެކު ހޯދި ތަމްރީންތަކުގެ އެހީގައި މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނައޯމީ ވަނީ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު އޭނާ މުބާރާތުން ކެޓީ އޭރު ދުނިޔޭގެ އެއް ވަނަ ސިމޯނާ ހަލެޕް އަތުން ބަލިވުމުންނެވެ. އެ މެޗުގައި ދެއްކި ހިތްވަރުގަދަ ކުޅުމަށް ފަހު ނައޯމީ އެ ދުވަހު ކޯޓުން ފޭބީ އިސް އުފުލައިގެން ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ.
އެ މުބާރާތުން ލިބުނު ހިތްވަރުގެ ފިޔަވަޅު މަތީގައި ސާބިތުވެ ހުރެ ނައޯމީ ވަނީ އޭގެ ދެ މަސް ފަހުން އިންޑިއަން ވެލްސް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެ ކާމިޔާބީ ހޯދިއިރު އޭނާ ވަނީ އޭރު ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދެ ކުޅުންތެރިން ބަލިކޮށްފަ އެވެ. އެ ކާމިޔާބީއާ އެކު ނައޯމީ ވެފައިވަނީ އޭރު އުމުރުން 20 އަހަރުގައި އެ މުބާރާތުގެ ތަށި އުފުލާލައި މިދިޔަ 10 އަހަރު ތެރޭގައި އެ މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
ދުނިޔޭގެ 22 ވަނައިގައި އޮވެ މިދިޔަ އަހަރުގެ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުގައި ވާދަކޮށް ކުރިއެރުން ހޯދައި ނައޯމީ ވަނީ ގަދަ 10 އަށް އަމާޒުހިފައިފަ އެވެ. އޭނާގެ މަސައްކަތް ކާމިޔާބުވީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި އޭނާގެ އައިޑަލް ސެރީނާ އަތުން ހޯދި މޮޅާ އެކު ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ލިބުމުންނެވެ. އެ މެޗުގައި ސެރީނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނީ އަމްޕަޔަރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.
ޔޫއެސް އޯޕަންގެ ކާމިޔާބީއާ އެކު ނައޯމީ ވަނީ ދުނިޔޭގެ ގަދަ 10 ގެ ތެރެއިން ޖާގަ ހޯދި އެވެ. އެ ހިސާބުން އޭނާ އަށް މީޑިއާގެ ލޯތައް އަމާޒުވާން ފެށި އެވެ. ނަތީޖާ އަކަށްވީ ޗައިނާ އޯޕަންގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ހިސާބުން ލިބުނުކުރިއެރުމާ އެކު ނައޯމީ ދުނިޔޭގެ ހަތަރު ވަނަ އަށް އެރުމެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި މޮޅު ކުޅުމެއް ދައްކައި އުމުރުން 21 އަހަރުގެ ނައޯމީ ވަނީ މި މުބާރާތުގެ ތަށި އުފުލާލައި ހާއްސަ ޝަރަފުތަކެއް ހޯދައިފަ އެވެ. ނައޯމީ އަކީ 2015 ވަނަ އަހަރު ސެރީނާ އަށް ފަހު ޖެހިޖެހިގެން ދެ ގްރޭންޑްސްލޭމް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިއާ އެވެ. އަދި 2001 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިއާ އެވެ. އަދި މި ކާމިޔާބީއާ އެކު ނައޯމީ ރޭންކިންގެ އެއް ވަނަ އަށް އެރިއިރު އޭނާ އަކީ ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރި އޭޝިއާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިއާ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ފައިނަލުގައި ދުނިޔޭގެ އަށް ވަނައިގައި އޮތް ޗެކް ރިޕަބްލިކުގެ ޕެޓްރާ ކިވިޓޯވާ އަތުން މޮޅުވި މެޗަށް ފަހު ބުނީ މިއީ އޭނާ ހުވަފެނުން ވެސް ހާސިލްކުރެވޭނެ ކަމަށް އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ.
"މުބާރާތުގެ ކުރިން ވެސް އެނގޭ ރޭންކިން އެއް ވަނަ އަށް ދެވެން އޮތީ މި މުބާރާތް ކާމިޔާބުކޮށްގެންކަން. ހަމައެކަނި އޮތީ އުއްމީދެއް. ކުރީ މަސައްކަތް. ފައިނަލް މެޗަށް ފަހު އަހަރެން ހުރީ ޝޮކެއްގައި. އަހަންނަށް ނޭނގުނު އުފަލުން ހީލަން ވެސް. އެހާ ވަރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރީ،" ނައޯމީ އޭނާގެ ޝުއޫރުތައް ހިއްސާކުރި އެވެ.
ނައޯމީ (ވ) އޭނާގެ ބައްޕަ ފްރަންކޮއިސް އޮސްޓްރޭލިއަން އޯޕަންގެ ކާމިޔާބީއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ދުނިޔޭގެ އެއް ވަނަ އަށް އެރުމާ ބެހޭގޮތުން ކުރި ސުވާލަށް ނައޯމީ ދިނީ ގިނަ ބަޔަކު ހީ ވެސް ނުކުރާ ޖަވާބެކެވެ.
"ބައްޕަގެ އެދުމަށް ދައްތަ (ޓެނިސް ކުޅުންތެރިއާ މަރީ އޮސާކާ) އާއި އަހަރެން ޓެނިސް ކުޅެން ފެށީ. އަހަރެން ފެށީ ހަގީގަތުގައި ބައްޕަ ވެސް އެދޭތީ ފޫހިފިލުވުމުގެ ގޮތުން. އެކަމަކު ފަހުން ލޯބި ޖެހި ކުރިއަށްދާން އަމާޒުހިފީ. ދުނިޔޭގެ އެއް ވަނަ އޭ ބުނުމުން އަދިވެސް އަހަރެންނަށް ލިބެނީ ޝޮކެއް. ހަރަކާތް ހުއްޓޭގޮތް ވަނީ،" ނައޯމީ ބުންޏެވެ.
އޭނާ ވަނީ އެމެރިކާގައި ދިރިއުޅެ ބޮޑުވި ނަމަވެސް އެ ގައުމު ތަމްސީލުނުކޮށް ޖަޕާނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނީތިވެ އޭނާގެ އާއިލާ އަށް އޭގެ ކްރެޑިޓް ހައްގުވާ ކަމަށް ބުނެފަ އެވެ. އަދި ހުވެފަނެއް ހަގީގަތަށްވުމާއި ހައްގު މަގާމު ލިބުން ބަރޯސާވަނީ އެކަމެއް ހާސިލްކުރަން ކުރާ މަސައްކަތުގެ މައްޗަށް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
29 January 2019
ކަމެއް ހާސިލުކުރަން އެންމެގަދައީ މައިންގެ ތަރުހީބޭ! ނަމެއް މޮޅުލިބުން އެދިގެން ދަރިއަށްކުރާ އުއްމީދޭ!............................................. ކޮންމެ ދަރިއަކަށްވެސް ހަގީގީ ކާމިޔާބެއް ހޯދަންޏާ މައިންގެ ތައުރީފު ބޭނުންވޭ! އެއަށްވުރެ އަވަސްކޮށް ކަމެއް ކާމިޔާބުވާނެ އިތުރުގޮތެއްނޯންނާނެ!