ޕީއެސްޖީން އިކާޑީގެ ކޮންޓްރެކްޓް ދާއިމީކޮށްފި

ޕެރިސް (މޭ 31) – އިޓަލީގެ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އައި ފޯވާޑް މައުކޯ އިކާޑީގެ ލޯން ޑީލް ދާއިމީ ކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ޕީއެސްޖީން އޭނާ ލައްވާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވައިފި އެވެ.


އާޖެންޓީނާ ފޯވާޑް މި ސީޒަނުގައި ޕީއެސްޖީއާ ގުޅި 31 މެޗުން 20 ގޯލް ޖަހައިދިނެވެ. ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ފްރާންސް ލީގު ކުރިއަށް ނުގެންދަން ނިންމައި، އެހާތަނަށް އެއްވަނައިގައި އޮތް ޕީއެސްޖީ އަށް ވަނީ ތަށި ދީފަ އެވެ. އެކަމަކު އަދި ޗެމްޕިއަންސް ލީގު އޮތުމުން އޭނާ އަށް މި ސީޒަނުގައި އެ ޓީމަށް އިތުރު ގޯލް ޖަހައިދިނުމުގެ ފުރުސަތު އެބައޮތެވެ.

ފްރާންސާއި އިޓަލީގެ މީޑިއާތަކާ ހަވާލާދީ އޭއެފްޕީން ބުނާ ގޮތުގައި ޕީއެސްޖީން ވަނީ މިހާރުގެ އިގްތިސާދީ ހާލަތާ ގުޅިގެން އޭނާގެ އަގު 60 މިލިއަން ޔޫރޯ އަށް ވުރެ ކުޑަކުރުމުގައި ކާމިޔާބު ހޯދައިފަ އެވެ. އިންޓަ އިން ފުރަތަމަ ކީ 70 މިލިއަން ޔޫރޯ އެވެ. އިކާޑީ ގެނައުމާ އެކު ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އޭނާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

އުމުރުން 27 އަހަރުގެ އިކާޑީ އިންޓައާ ގުޅުނީ ސަމްޕްޑޯރިއާ އިން 2013 ވަނަ އަހަރެވެ. އޭނާ ވަނީ އިންޓަ އަށް 219 މެޗުން 124 ގޯލް ޖަހައިދީފަ އެވެ. މިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން އިކާޑީ އަތުން އެ ކްލަބުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ކުޅެން ދެކޮޅު ހެދި އެވެ. އެ ކްލަބުން އޭނާ ދޫކޮށްލި ސަބަބަކީ އެއީ އެވެ.

އިކާޑީގެ ބަޔޯގްރަފީގައި ސަޕޯޓަރުންނަށް ފާޑުކިޔާފައިވާތީ 2016 ވަނަ އަހަރު ވެސް އޭނާއާ ސަޕޯޓަރުންނާ މައްސަލަ ޖެހުނެވެ. އެފޮތުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ސަސުއޯލޯ އަތުން 3-1 އިން އިންޓަ ބަލިވި މެޗަށް ފަހު އޭނާ އިންޓަގެ ސަޕޯޓަރުންނަށް ޗެލެންޖް ކުރުމުން އިންޓަގެ ކުޅުންތެރިން އޭނާ އަށް ތައުރީފްކުރި ކަމަށެވެ. އެކަމާ ގުޅިގެން އިންޓަގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް ބެނާ ދެމި އެވެ. މެޗު ތެރެއިން އިންޓަ އަށް ލިބުނު ޕެނަލްޓީ އިކާޑީ ޖަހަން ދިއުމުން އިންޓަގެ ސަޕޯޓަރުން ނުރުހުޅުން ފާޅުކުރިއިރު އޭނާ އަތުން ޕެނަލްޓީ ބޭކާރުވުމުން ސަޕޯޓަރުން އުފާފާޅުކުރި އެވެ. އެ މައްސަލައިގައި އިކާޑީ އަތުން ކެޕްޓަން ބޭންޑް ނަގަން ކްލަބުން ވިސްނި އެވެ.

އިކާޑީގެ ބަދަލުގައި އިންޓަގެ ފޯވާޑް ލައިން މި ސީޒަނުގައި ބަލަހައްޓަނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒެވެ. މީގެ ތެރެއިން މާޓިނޭޒް އަންނަ ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ އިންޓަ އިން ޕީއެސްޖީގެ ކަވާނީ ގެނެސްފާނެ ކަމަށް ވާހަކަދެކެވެ އެވެ.