ސަންޗޯ، ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލާ މެސެޖް ލިޔެފައިވާ ޓީޝާޓެއް ލައިގެން.-- ފޮޓޯ: އޭއެފްޕީ
01 ޖޫން 2020 - 17:31
ބާލިން (ޖޫން 1) - އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު މީހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން ކުޅިވަރު ތަރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލައިފި އެވެ.
ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ޑެރެކް ޗައުވިން، 44، އެވެ. އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.
ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ އާއި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވާޑް މާކަސް ތުރާމް ވަނީ ހާއްސަ މެސެޖެއް ދީފަ އެވެ. ސަންޗޯ ވަނީ "ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް" ޖަހާފައިވާ މެސެޖެއް ދައްކާލައިފަ އެވެ. ކުރީގެ ތަރި ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް ލަނޑު ޖަހާފައި ކަކޫ ޖައްސައިގެން އިށީނީ އެވެ.
މާކަސް ތުރާމް ރޭގެ މެޗުގެ ތެރެއިން ފްލޮއިޑްގެ ހަނދާނުގައި ނީ ޓްރިބިއުޓް އެއް ދެނީ.
ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހެދި މެޗުގައި އެގޮތަށް އުފާފާޅުކުރުމަކީ ސަންޗޯ އަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އިންސާފު ހޯދަން ކުރާ މަސައްކަތުގައި ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ގޮތުން އޭނާ އެދެނީ ފްލޮއިޑަށް އިންސާފު ލިބުން ކަމުގައި ސަންޗޯ ބުންޏެވެ.
ޓެނިހުގެ ދެ ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ނައޯމީ އޮސާކާ ވެސް ވަނީ ފްލޮއިޑް މަރުވުމުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި މިއީ ފަސޭހައިން ދޫކޮށްލައިގެން ތިބެގެން ދުނިޔެ އަށް ނުރަނގަޅު މެސެޖެއް ދޭން ވީ ވަގުތެއް ނޫން ކަމަށް ވެސް ސެރީނާ ވަނީ ބުނެފަ އެވެ.
ފޯމިއުލާ ވަން ޗެމްޕިއަން ލެވިސް ހެމިލްޓަން ބުނީ މި ކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުނުކޮށް ތިބި އިދާރާތަކާ މެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ޒިންމާ ނެގުމަކީ އެއް ބަޔަކަށް އޮތް ކަމަކަށް ވެގެންނުވާނެ ކަމަށެވެ.
ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ބުނީ ފްލޮއިޑްގެ މަރާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރާކަމަށާއި ނަސްލީ ތަފާތު ކުރުން މިހާރު ގޮސްފައިވާ ހިސާބުގެ ސަަބަބުން ވަރަށް ބޮޑަށް ރުޅި ވެސް ގަދަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy