04 ޖޫން 2020 - 13:15
ލަންޑަން (ޖޫން 4) – މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައި، ކުރަމުންގެންދާ ސިލްސިލާ ކޮވިޑް ޓެސްޓްތަކުގެ އެންމެ ފަހު ބުރުގައި ހެދި 1197 ޓެސްޓުން ފެނުނީ ޕޮޒިޓިވް އެންމެ ކޭހެއް ކަމަށް އެ ލީގުން ބުނެފި އެވެ.
އެއީ ޓޮޓެންހަމް ހޮޓްސްޕާސްގެ މެމްބަރެކެވެ. އެއީ ކުޅުންތެރިޔެއް ކަމެއް އޮފިޝަލެއް ކަމެއް ހާމައެއް ނުކުރެ އެވެ. ޓޮޓެންހަމުން ބުނީ ސިއްހީ އުސޫލުތަކުގެ މަތިން، އޭނާގެ ނަން ހާމަނުކުރާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން މިވަގުތު އަލާމަތެއް ނުފެންނަ ކަމަށާއި އިތުރު ޓެސްޓްތަކެއް ހެދުމުގެ ކުރިން އޭނާ އަމިއްލަ އަށް ހަތް ދުވަހު އެކަހެރިވާނެ ކަމަށް ލަންޑަނުގެ ކްލަބުން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން މާޗު މަހު މެދުކަނޑާލި ޕްރިމިއާ ލީގު މި މަހު 17 ގައި އަލުން ފެށުމަށްޓަކައި ފަސް ބުރެއްގެ މަތިން ކުޅުންތެރިންނާއި ސްޓާފުން ވަނީ މިހާތަނަށް ޓެސްޓްކޮށްފަ އެވެ. އެއީ ހަފުތާއަކު ދެ ފަހަރުގެ މަގުންނެޗެ. އެގޮތުން މިހާތަނަށް ހެދި 5079 ޓެސްޓުގެ ތެރެއިން ފެނިފައިވަނީ ޕޮޒިޓިވް އެންމެ 13 ކޭހެވެ.
ފަހު ބުރުގެ ޓެސްޓްތަކުން އެންމެ ކޭހެއް ފެނުމަކީ، ލީގު އަލުން ފަށަން ކުރާ މަސައްކަތަށް ލިބުނު ހިތްވަރަކަށް ވާނެ އެވެ. ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓަސް ވިދާޅުވެފައިވާ ގޮތުގައި ޖޫން 17 ގައި އަލުން ފަށަން އެއްބަސްވި ނަމަވެސް ސަލާމަތީ ކަންކަން ފުރިހަމަނުވާ ނަމަ މި ދުވަސް ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންގެ ސިއްހަތު ކަމަށްވާތީ އެވެ.
މިހާރު ރާވާފައިވާ ގޮތުން ލީގުގެ ފުރަތަމަ ދުވަހު އޮންނާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑުގެ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ މެޗުތަކެވެ. އޭރަށް އެ ދެ ޓީމަށް 29 މެޗު ހަމަވާނެ އެވެ. އެހެން ހުރިހާ ޓީމެއް ވަނީ މެދުކަނޑާލިއިރު 29 މެޗު ފުރިހަމަކޮށްފަ އެވެ. އަދި ހުރިހާ ޓީމަކާ އެކު ފުލް ބުރެއް ފަށާނީ 19 ވަނަ ދުވަހު އެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy