08 ޖޫން 2020 - 09:40
ލިވަޕޫލް (ޖޫން 8) - ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް އަގުބޮޑުކޮށް ކުޅުންތެރިން ގަނެވޭނެ ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ކްލޮޕް މި ގޮތަށް ވާހަކަ ދައްކާފައިވަނީ ޖަރުމަނުގެ އާރްބީ ލިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ ގަންނަން ދައްކަން ޖެހޭ 55 މިލިއަން ޕައުންޑް ދައްކަން ލިވަޕޫލުން ދެކޮޅު ހެދުމާ އެކު ޗެލްސީން މިހާރު އެ އަގު ދީގެން ވާނާގެ ސޮއި ހޯދަން ނިންމާފައިވަނިކޮށެވެ.
ސްކައި ޖާމަނީ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ މި ޕްލެނެޓްގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި އޭގެ ތެރޭގައި ވާނާގެ އިތުރުން ދެން ލިވަޕޫލުން ފާރަލުމުން އަންނަ ޖަރުމަނުގެ އުއްމީދީ ތަރި ކައި ހާވާޓްޒް ވެސް ހިމެނޭ ކަމަށެވެ.
"މީގައި ހަރަދުކުރަން ރަނގަޅު ވަގުތު ދެނެގަތުން މުހިއްމު. މީގެ ހަތް ވަރަކަށް ހަފްތާ ކުރިން އަހަރެމެންނަކަށް ނޭނގޭ އަލުން މި އަހަރު ފުޓްބޯޅަ ކުޅެވޭނެ ކަމެއް ވެސް. އެ ފަދަ ހާލަތެއްގައި އޮވެފައި މި އައީ. މި ވަގުތު ހުރިހާ ކަމެއް ރަނގަޅަށް ހަމަޖެހިފައި އޮތް ކަމަށް ދެކެވެން އޮތް ކަމުގައި ވިޔަސް ކަންތައްތައް ހަމައެއްނުޖެހޭ. މި ވަގުތު ހާލަތު އޮތްގޮތުން ވެސް އަހަރެމެންނަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ދެކިގެން ނުވާނެ،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ވާދަވެރި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރިކޮށް އުޅުނު ކަމުގައި ވިޔަސް ލިވަޕޫލުން ގަބޫލުކުރަން ޖެހޭނީ މިހާރުގެ ހާލަތުން ފެންނަ ހަގީގަތް ކަމަށެވެ.
"ލިބޭނެ އާމްދަނީއެއް ބަލައިގެން އަހަރެމެން ރަނގަޅަށް ކުރިއަށް ދެވޭނީ. އަހަރެމެން ފުޓްބޯޅައިގައި އެބަ ވާހަކަ ދައްކާ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސް އެހެން ހަރަދުތައް ކުޑަކުރަން ވެސް. އެހެން އެކަން އޮއްވައި އަނެއްކާ ބޮޑު އަގުގައި ކުޅުންތެރިން ގަތުން ރަނގަޅެއް ނޫން. އެދެވެނީ ރަނގަޅު މަގަކުން ނޫން،" ކްލޮޕް ބުންޏެވެ.
ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުނީ ކްލަބްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭނެ ގޮތެއް ނެތި އެ ގޮތުން ލިބެން އޮތް އާމްދަނީ ވެސް މަދުވުންކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ކުޅުންތެރިން ގަންނާނީ އެ ޓީމުން ވިއްކާލާ ކުޅުންތެރިންގެ ޓްރާންސްފާ ފީ އަށް ބަލައިގެންނެވެ. އެ ގޮތުން ހަ ކުޅުންތެރިއަކު ވިއްކާލަން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އާއި ސްވިޒަލެންޑްގެ ވިންގް ޒެރްޑަން ޝަގީރީ ހިމެނެ އެެވެ.
ލިވަޕޫލުން މިހާރު ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވުލްވްސްގެ އެޑަމާ ޓްރައޯރޭ އާއި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އަދި ރޯމާގެ ނިކޯލޯ ޒަނިއޯލޯ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
08 June 2020
ވަރަށް މަޢުނަވީ ބަސްކޮޅެއް. ނިއުނޯމަލް އާމެދު ވިސްނަންޖެހޭނެ.