ބަޔާން މިއުނިކް ޖަރުމަން ކަޕުގެ ފައިނަލަށް

މިއުނިކް (ޖޫން 11) – އެއިންޓްރެކްޓް ފްރެންކްފަޓް 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ކަޕުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.


އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނަ ފައިނަލުގައި ބަޔާން ބައްދަލުކުރާނީ ބެޔާ ލެވަކޫސަންއާ އެވެ. އެ ޓީމުން ފައިނަލުން ޖާގަ ހޯދާފައިވަނީ އަންގާރަ ދުވަހުގެރޭ ހަތަރު ވަނަ ޑިވިޝަނުގެ ސާބުރްކެން އަތުން 3-0 އިން މޮޅުވެގެންނެވެ.

ބަޔާނުގެ އެލިއަންޒް އެރީނާގައި ރޭ ބަޔާނާއި ފްރެންކްފަޓް ކުޅުނު މެޗުގައި ކުރި ހޯދީ ބަޔާނުންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ ކްރޮއޭޝިއާގެ ފޯވާޑް އިވާން ޕެރިސިޗެވެ. ފްރެންކްފަޓުން 69 ވަނަ މިނެޓުގައި ޑެނީ ޑަ ކޯސްޓާގެ ގޯލުން އެއްވަރުކުރި އެވެ. ބަޔާން މޮޅުވީ 74 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ ޖަހައިދިން ގޯލުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 45 ވަނަ ގޯލެވެ.

ބަޔާން ފައިނަލަށް ދަތުރުކުރުމާ އެކު އެ ޓީމަށް މިހާރު ވަނީ މި ސީޒަނުގައި ދެ ތަށި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ. ޖަރުމަން ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު އެ ޓީމު އޮތީ 70 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ތާވަލުގެ ދެ ވަނައިގައި 63 ޕޮއިންޓާ އެކު އޮތް ބޮރޫޝިއާ ޑޯޓްމަންޑާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ހޮނިހިރު ދުވަހު ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން ބަޔާން މޮޅުވެ އަދި ޑޯޓްމަންޑް ކުޅޭ މެޗުން އެ ޓީމު ބަލިވެއްޖެ ނަމަ ބަޔާނަށް ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރެވޭނެ އެވެ.

އެ މެޗުގައި ލެވޮންޑޮސްކީ އާއި ތޯމަސް މުލާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ.