އެޑިންސަން ކަވާނީ (ކ) އާއި ތިއާގޯ ސިލްވާ ޕީއެސްޖީގެ ޖާޒީގައި. --ފޮޓޯ: އޭއެފްޕީ
15 ޖޫން 2020 - 11:31
ޕެރިސް (ޖޫން 15) – މި ސީޒަނުގެ ޗެމްޕިއަންސް ލީގު ނިމުމާ އެކު ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އާއި ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ކްލަބް ދޫކޮށްލާނެ އެވެ.
އެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމާ އެކު ދެން އިތުރަށް އާނުކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ފްރާންސް ލީގު އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވީ ނަމަވެސް، ޕީއެސްޖީ އަށް ސީޒަން ނިމޭނީ އޮގަސްޓް މަހު ޗެމްޕިއަންސް ލީގު ނިމުމުންނެވެ. އެހެންވެ އެހާތަނަށް ހަދާނެ ގޮތެއް ނޭގެ އެވެ. ކުރު މުއްދަތުގެ ކޮންޓްރެކްޓެއް ހަދާނީ ކަމެއް ނުވަތަ ކޮންޓްރެކްޓެއް ނެތި ކުޅޭނީ ކަމެއް ކަށަވަރެއް ނޫނެވެ.
ފްރާންސްގެ މީޑިއާއަކާ ވާހަކަދައްކަމުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯ ބުނީ އެ ދެ ކުޅުންތެރިންނަކީ ކްލަބުގެ ތާރީހުން ޖާގަ ހޯދާފައިވާ ދެ ކުޅުންތެރިން ކަމަށާއި ކުޅުންތެރިން ދޫކޮށްލަން ޖެހުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ.
ކަވާނީ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން މި އަހަރު ކުރީކޮޅު ބުނެފަ އެވެ. އަދި ޕީއެސްޖީން ވަނީ އޭނާގެ ބަދަލުގައި، މި ސީޒަނުގެ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން ކުޅެމުން އައި މައުރޯ އިކާޑީގެ ކޮންޓްރެކްޓް ދާއިމީކޮށްފަ އެވެ.
އިޓަލީގެ ޕަލޭމޯ އާއި ނަޕޯލީގެ ކުރީގެ ފޯވާޑް ކަވަނީ ޕީއެސްޖީއާ ގުޅުނީ 2013 ގަ އެވެ. އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މިހާތަނަށް 301 މެޗުން 200 ގޯލް ޖަހައިދީފަ އެވެ. އޭނާ ގެންދަން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑާއި އޭނާ އަށް ޕީއެސްޖީގައި ކުރިން ކޯޗުކޮށްދިން ކާލޯ އަންޗެލޮޓީގެ އެވަޓަން ޝައުގުވެރިވާ ކަމަށްވެ އެވެ.
ސިލްވާ ގެންދަން ވެސް އެވަޓަން އިން ޝައުގުވެރިވެ އެވެ. މީގެ އިތުރުން ސިލްވާއާ ކުރިން ކުޅުނު އޭސީ މިލާނުން ވެސް އޭނާ ހޯދަން މަސައްކަތްކުރާ ކަމަށްވެ އެވެ. އަދި އޭނާއާ އެކު މިލާނަށް ކުޅުނު ޖެނާރޫ ގަޓޫސޯ މިހާރު ކޯޗުކޮށްދޭ ނަޕޯލީ އަކީ ވެސް ސިލްވާ އަށް ޝައުގުވެރިވާ ކްލަބެއް ކަމަށްވެ އެވެ. މިލާނަށް ކުޅުމަށް ފަހު ދުނިޔެގެ އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައި 2012 ގައި ޕީއެސްޖީ އަށް ބަދަލުވެ ސިލްވާ ވަނީ އެ ޓީމާ އެކު ފްރާންސް ލީގު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy