ފުރުސަތުގެ ބޭނުންހިފައި ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖޫން 22) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން މޮޅުވެ ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުން ސެވިއްޔާއާ ލަނޑެއް ނުޖެހި އެއްވަރުވުމުން ރޭގެ މެޗަށް ނުކުތްއިރު މޮޅުވެގެން ރެއާލަށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެ ޓީމުން ވަނީ ސޮސިއެޑާޑް އަތުން ހޯދި އުނދަގޫ މޮޅާ އެކު ހެޑް ޓު ހެޑް ތަފާތުން ކުރިހޯދައި އެއް ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

ރެއާލަށް ރޭގެ މެޗުގެ 50 ވަނަ މިނިޓްގައި ލީޑުނަގައިދީފައިވަނީ ޕެނަލްޓީ އަކުން ސާޖިއޯ ރާމޮސް އެވެ. މި ޕެނަލްޓީ އަކީ ސޮސިއެޑާޑް އޭރިއާ ތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ފައުލުކުރުމުން ދިން ޕެނަލްޓީ އެކެވެ. މިއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ސޮސިއެޑާޑް ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ އެއް ކަމަށެވެ.

ލީޑުފުޅާކުރަން ރެއާލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. އެ ގޯލު ޖަހަން ބެންޒެމާ ބޯޅަ ކޮންޓްރޯލްކުރީ އަތުން ކަމަށް ސޮސިއެޑާޑް ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ އެ ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރްގެ އެހީ ހޯދައިފަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި މިކޭލް މެރީނޯ ގޯލެއް ޖަހައި ސޮސިއެޑާޑަށް އުއްމީދެއް ހޯދައިދިން ނަމަވެސް އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރޭގެ ގޯލާ އެކު ރާމޮސް ވަނީ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރުންގެ ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. ރާމޮސް އެންމެ ކުރީގައި އޮތީ 68 ގޯލު ޖަހައިގެންނެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޭގެ މެޗުގެ ފަހު ވަގުތު ރާމޮސް ވަނީ ބަދަލުކޮށްފަ އެވެ.

"ރާމޮސް އަކީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރު. އޭނާ ފާއިތުވި އަހަރުތަކުގައި ހޯދަމުން އައި ކާމިޔާބީ އާއި މިހާރު ވެސް އެ ދައްކަމުން އަންނަ ކުޅުމަކީ އެ ކަމުގެ ހެއްކެއް،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.

ސެލްޓަ ވީގޯ އިން ވަނީ ރޭ 6-0 އިން އަލަވޭސް ބަލިކޮށް ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ. ސެލްޓަ މި ވަގުތު 16 ވަނައިގައި އޮތީ 30 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.