ލަނޑު ޖެހުމަށް ފަހު ފޯޑެން (ވ) އާއި އަގުއޭރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ޖޫން 2020 - 10:00
މެންޗެސްޓާ (ޖޫން 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 5-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، އެ މެޗުގެ ކުރިން ބާންލީ ސަޕޯޓަރުން ދަނޑުގެ މަތިން ބެނާއެއްގެ އުދުއްސި މައްސަލަ ހޫނުވެއްޖެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ބާންލީ ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ މަތިން އެއާކްރާފެއްޓެއްގައި ހަރުކޮށްގެން ދުއްވި ބެނާގައި ޖަހާފައިވަނީ "ވައިޓް ލައިވްސް މެޓާ ބާންލީ" މިހެނެވެ. މިއީ ކަޅު ނަސްލުގެ މީހުންނާ އެކު ތިބިކަން ދައްކުވައިދޭން ޕްރިމިއާ ލީގުގެ ކްލަބްތަކާއި ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ "ބްލެކް ލައިވްސް މެޓާ" ސްލޯގަން އަށް މަލާމާތްކުރުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެ އެވެ.
ބާންލީން ވަނީ މި ކަމުގައި ބައިވެރިވި ސަޕޯޓަރުން ހޯދައި ހަރުކަށި އަދަބު ދޭން ނިންމައިފަ އެވެ. އަދި އެ ކްލަބްގެ އޮފިޝަލަކު ބުނީ އެ ސަޕޯޓަރުންނަށް ކްލަބްގެ ހަރަކާތްތަކުން އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދޭން ކްލަބުން ބޭނުންވާ ކަމަށް ބުނެފަ އެވެ. ބާންލީގެ ކެޕްޓަން ބެން މީ ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެ ފަދަ ކަމެއް ސަޕޯޓަރުންގެ ފަރާތުން ފެނުނީތީ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ލަދުގަތް ކަމަށެވެ.
"މިއީ އަހަރެމެންގެ ކްލަބްގެ މަދު ބައެއްގެ ކަމެއް. ކްލަބްގެ ގިނަ ބަޔަކު މި ފަދަ ނާތަހުޒީބު ކަމެއް ނުކުރާނެ. މިކަމުގައި ބައިވެރިވި މީހުންނަށް އަދަބުދޭން ޖެހޭ،" ކުރިން ސިޓީ އަށް ކުޅުނު މީ ބުންޏެވެ.
ރޭގެ މެޗުގެ ތެރެއިން ބާންލީ ސަޕޯޓަރުން ދެމި ބެނާ.
ބާންލީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ މި އަމަލުގެ ސަބަބުން ޕްރިމިއާ ލީގާއި ސިޓީގެ ކިބައިން މާފަށް އެދޭ ކަމަށާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގޭ ހުރިހާ ޕްރޮގްރާމެއްގައި ބާންލީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ރޭގެ މެޗުން ސިޓީ މޮޅުވުމާ އެކު ލީގު ހޯދަން ލިވަޕޫލުން ކުރަން ޖެހޭ އިންތިޒާރު އަނެއްކާ ވެސް ވަނީ ދިގުވެފަ އެވެ. ސިޓީ މި ވަގުތު ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެން 20 ޕޮއިންޓް ފަހަތުގަ އެވެ. މިހާރު އޮތްގޮތުން ލީގުގައި މާދަމާރޭ ލިވަޕޫލް ކުޅޭ މެޗުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވުމަށް ފަހު ބުރާސްފަތި ދުވަހުގެރޭ ޗެލްސީ ދަނޑުގައި ސިޓީ އަށް މޮޅެއް ނުހޯދިއްޖެނަމަ ލިވަޕޫލަށް ޗެމްޕިއަންކަން ޔަގީންވާނެ އެވެ. ސިޓީ މެޗުތަކުން މޮޅުވަމުންދާނަމަ މިހާރު އޮތްގޮތުން ލިވަޕޫލަށް ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ފަސް ޕޮއިންޓެވެ.
ސިޓީ އަށް ރޭގެ މެޗުގެ 22 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އުމުރުން 20 އަހަރުގެ ފިލް ފޯޑެން އެވެ. ރިޔާދު މާރޭޒް ވައްދާލި ދެ ގޯލާ އެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. މާރޭޒްގެ އެއް ގޯލަކީ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ ފޯޑެން އާއި ޑޭވިޑް ސިލްވާ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަގުއޭރޯ ބަދަލުކުރިއިރު، އޭނާ އަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި އަނިޔާގެ ތަފްސީލް އެނގޭނީ ޓެސްޓްތަކެއް ހަދައިގެން ކަމަށާއި މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު އެންމެ އަވަސް ވެގެން ވެސް އަގުއޭރޯ އަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ގާޑިއޯލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy