ޕާމާގެ މަޓެއޯ ޑާމައިން (ވ) އާއި އިންޓަ މިލާނުގެ ނިކޮލޯ ބަރޭޔާ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
29 ޖޫން 2020 - 12:12
މިލާން (ޖޫން 29) – ޕާމާ 2-1 އިން ބަލިކޮށް އިންޓަ މިލާނުން، އިޓާލިއަން ލީގު ކާމިޔާބުކުރުމަށް ކުރަމުން އަންނަ ފަނޑު އުއްމީދު ދެމެހެއްޓިއިރު، އޭއެސް ރޯމާ 2-0 އިން ބަލިކޮށް އޭސީ މިލާނުން ޔޫރަޕުގެ ޖާގައަކަށް ކުރާ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އަޅައިފި އެވެ.
ސީޒަނުގެ ފުރަތަމަ ބައިގައި އެއް ވަނައިގައި އޮތް އިންޓަ ސޮއްސާލައި މިހާރު އޮތީ ތިން ވަނައިގަ އެވެ. އެކަމަކު އަދިވެސް އެ ޓީމުން އުއްމީދު ދުލެއް ނުކުރެ އެވެ. ރޭގެ މޮޅާ އެކު އެ ޓީމު ތިން ވަނައިގައި އޮތީ 61 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. އަދި ދެ ވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.
އިންޓަގެ ފަހަތުގައި، 57 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އެޓަލާންޓާ ވަނީ ރޭ އުދިނޭޒީ 3-2 އިން ބަލިކޮށްފަ އެވެ. އެޓަލާންޓަ މި ވަނީ ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ލީގު އަލުން ފަށައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.
އިންޓަ އާއި ޕާމާ ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ޖާވީނިއޯ އެ ޓީމަށް ކުރި ހޯދައިދިނެވެ. އިންޓަ އަށް އެއްވަރުކޮށް 84 ވަނަ މިނެޓުގައި ސްޓެފަން ޑި ވްރައި އެވެ. އެ ވަގުތު ޕާމާގެ ޔުރާޖް ކުޗްކާ އަށް ދެއްކި ރަތްކާޑުގެ ފައިދާ ނަގައި އިންޓަ މޮޅުވި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ އަލެސަންދްރޯ ބަސްޓޮނީ އެވެ.
ރޭ އަމިއްލަ ދަނޑުގައި ރޯމާ އަތުން މޮޅުވި މިލާން އޮތީ 42 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ރޯމާ އޮތީ 48 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އަދި ހަ ވަނައިގައި 45 ޕޮއިންޓާ އެކު އޮތީ، ސްޕާލް އަތުން 3-1 އިން މޮޅުވި ނަޕޯލީ އެވެ.
ޔުރޮޕާ ލީގުގެ ދެ ޖާގަ ލިބޭ މަގާމްތަކުގައި އޮތީ ރޯމާ އާއި ނަޕޯލީ ކަމަށްވީ ނަމަވެސް، ނަޕޯލީ އިޓާލިއަން ކަޕް ކާމިޔާބުކޮށް ޖާގަ ކަށަވަރުކޮށްފައިވާތީ ހަތް ވަނައިގައި އޮތް މިލާނަށް ވެސް ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމަށް ގަދަ ހަޔަކަށް ވަންނަން ޖެހެ އެވެ. ރޭ ރޯމާ އަތުން މިލާން ހޯދި މޮޅަކީ، އެ މަސައްކަތުގައި މުހިއްމު ތިން ޕޮއިންޓެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަންޓެ ރެބިޗާއި ހަކާން ޝަނައޮގްލޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު ނިއުމާ
29 June 2020
އިންޓަ އެއީ މަގޭ 52 ވަނަ ފެވަރިޓް ކްލަބް.މަރުހަބާ އިންޓާ