ވީއޭއާރާ މެދު ބާސެލޯނާގެ ރައީސާއި ކޯޗުގެ ހިޔާލު ތަފާތު

ބާސެލޯނާ (ޖުލައި 8) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އާ ބެހޭގޮތުން ބާސެލޯނާގެ ޖޯސެފް ބާޓޮމެއު ދެއްކެވި ވާހަކަތަކާ މެދު އެއްބަސްވެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.


ދާދި ފަހުން ބާސެލޯނާގެ ރައީސް ބާޓޮމެއު ވިދާޅުވީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ވީއޭއާރްގެ އެހީގައި ނިންމާ ނިންމުންތަކުގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ރެއާލް މެޑްރިޑަށް ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ އެ ޓީމަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބުން ކަމަށް ބާޓޮމެއު ވިދާޅުވި އެވެ.

ލީގުގައި މިރޭ އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެޓިއެން ބުނީ ބާޓޮމެއުގެ ހިޔާލަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު އެއަށް އެއްބަސްވެވެން ނެތް ކަމަށެވެ.

"މީހެއް އެ މީހެއްގެ ހިޔާލުގައި ވާހަކަ ދެއްކުމަކުން ގޯހެއް ނެތް. އަހަންނަށް ހީވަނީ ރައީސް (ބާސެލޯނާގެ ރައީސް)ގެ ހިޔާލަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ. އެކަމަކު އޭގެ މާނަ އަކީ އެކަން އެ ގޮތަށް އޮތުމެއް ނޫން. ވީއޭއާރްގައި އެބަހުރި މައްސަލަތައް އޭގެ މާނަ އަކީ އޭގެ ފައިދާ ކުރަނީ އަބަދު އެއް ޓީމަކަށެއް ނޫނޭ. ބައެއް ފަހަރު ރަނގަޅު ވެސް އެބަވޭ. ބައެއް ފަހަރު ގޯސް ވެސް އެބަވޭ. މީގެ ހުރިހާ އެންމެނަށް ރަނގަޅުވާ ފަހަރު ނާންނާނެ،" ސެޓިއެން ބުންޏެވެ.

ލީގު މެދުކެނޑާލިއިރު ބާސެލޯނާ އެއް ވަނައިގައި އޮތް ނަމަވެސް މިހާރު އެއް ވަނައިގައި އޮތީ ރެއާލެވެ. ލީގު ނިމެން ހަތަރު މެޗަށް ވެފައިވާއިރު ރެއާލް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސެޓިއެން ބުނީ މެތަމެޓިކަލީ ބަލާއިރު އަދިވެސް ބާސެލޯނާ އަށް ލީގު ނުގެއްލޭ ކަމަށާއި އަދިވެސް އޭނާގެ އުއްމީދަކީ ލީގު ދިފާއުކުރުން ކަމަށެވެ.

"ކީއްވެ އަހަރެމެންނަށް ލީގު ނުލިބެންވީ؟ އަހަރެމެންނަށް ލިބިދާނެކަން އެއޮތީ މެތަމެޓިކަލީ ފެންނަން. ހަަމަ އެ ގޮތަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަހަރެން އުއްމީދުކުރަނީ ލީގު ލިބޭނެކަމަށް. އަހަރެން ވެސް ގަބޫލުކުރަނީ ލީގު ލިބޭ ކަމަށް،" ސެޓިއެން ބުންޏެވެ.

މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ސެޓިއެން ވަކިކުރާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ގަބޫލުކުރާގޮތުގައި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.

"އަހަންނަށް ގަބޫލެއް ނުކުރެވޭ އަހަރެންގެ މި ކޮންޓްރެކްޓްގެ ހާލަތު ބަދަލުވާނެ ހެން. މީޑިއާގައި ތިކަމާ (އަހަރެން ކޯޗުކަމުން ވަކިކުރާނެ ކަމަށް) ދެކެވޭ ވާހަކަތަކަށް ވިސްނާނެ ވަގުތެއް ހަގީގަތުގައި ނެތް. އެއީ ޓީމުގެ ކާމިޔާބީ އަހަރެން އިސްކުރަނީ،" ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެން ބުންޏެވެ.

ބާސެލޯނާ ދަނޑުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ ކެޓަލޫނިއާ ޑާބީ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.