09 ޖުލައި 2020 - 11:17
ބާސެލޯނާ (ޖުލައި 9) – އެސްޕަންޔޯލް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ބާސެލޯނާ 35 މެޗުން 76 ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތްއިރު ރެއާލް އެއް ވަނައިގައި އޮތީ 34 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. މިއީ ލީގު ހޯދުމަށް ބާސެލޯނާ އިން ކުރާ މަސައްކަތަށް ލިބުނު އުއްމީދެކެވެ. އެކަމަކު ރެއާލް އަތުގައި އިތުރު މެޗެއް އޮތުމުން އެ ޓީމަށް އަދި ހާސްކަމެއް ނެތެވެ. މާދަމާރޭ ޑިޕޯޓިވޯ އަލަވެސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލަށް، އަނެއްކާ ވެސް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ބާސެލޯނާ އަށް ބާކީ ތިން މެޗު އޮތްއިރު ރެއާލަށް ހަތަރު މެޗު އެބައޮތެވެ.
މި މެޗުން ބަލިވުމާ އެކު އެސްޕަންޔޯލް ރެލިގޭޓްވާނެކަން ވަނީ ކަށަވަރުވެފަ އެވެ. ބާސެލޯނާ ސަރަހައްދަށް ނިސްބަތްވާ އެސްޕަންޔޯލް އޮތީ 24 ޕޮއިންޓާ އެކު ފުލުގަ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި 50 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އަދި އެސްޕަންޔޯލްގެ ޕޯލް ލޮޒާނޯ އަށް ވެސް ރަތެއް، 53 ވަނަ މިނެޓުގައި ދެއްކި އެވެ. ބާސެލޯނާގެ ހަމައެކަނި ގޯލް އޭގެ ތިން މިނެޓު ފަހުން ޖެހީ ލުއިސް ސުއަރޭޒެވެ. މިއީ އެންޓޮއިން ގްރިޒްމަން ފުންނާބުން ޖައްސާލި ބޯޅައެއް ލިއޮނަލް މެސީ ގޯލަށް ފޮނުވާލުމުން ބްލޮކްވެގެން ނުކުތް ވަގުތު ސުއަރޭޒް ޖެހި ގޯލެކެވެ.
"ބާކީ އޮތް ތިން މެޗުން މޮޅުވާން ޖެހޭ. ރެއާލުން ކުރާ ކަމެއް އޮންނާނީ އެ ޓީމަށް. އެ ޓީމު ޕޮއިންޓް ގެއްލިއްޖެއްޔާ ވަރަށް ފުރިހަމަ. އަހަރެމެން ޖެހޭނެ އެފަދަ ހާލަތެއްގެ ފައިދާ ނަގަން ތައްޔާރުގައި ތިބެން،" ސުއަރޭޒް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy