ލިވަޕޫލްގެ މެޗެއްގެ ތެރެއިން ހެންޑަސަން: އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ސީޒަން ނިމިފައި.
11 ޖުލައި 2020 - 10:29
ލިވަޕޫލް (ޖުލައި 11) - އެންމެ ފަހުން ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ދެން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ނުކުޅެވުނު ކަމުގައި ވިޔަސް ލީގު ތަށި އުފުލާލުމުގެ ޝަރަފް ދޭނީ އޭނާ އަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ބުދަ ދުވަހުގެރޭ ބްރައިޓަން އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ހެންޑަސަންގެ ކަކުލަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ކުރެވުނު ޓެސްޓްތަކަށް ބަލާއިރު ހެންޑަސަން އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ އެވެ. އޭނާ ނުލައި ލިވަޕޫލުން ކުޅެން ޖެހިފައިވަނީ ލީގުގައި އެ ޓީމަށް ބާކީ އޮތް ހަތަރު މެޗެވެ. އުމުރުން 30 އަހަރުގެ ހެންޑަސަން އަންނަ ސީޒަން ފެށުމުގެ ކުރިން ފިޓްވާނެ ކަމަށް ކްލޮޕް އުއްމީދުކުރެ އެވެ.
މި ސީޒަނުގައި ލިވަޕޫލުން 30 އަހަރަށް ފަހު ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ހެންޑަސަންގެ ދައުރު ބޮޑެވެ. ކްލޮޕް ބުނީ މި މަހު 22 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށް ފަހު ލީގުގެ ތަށި އެ ޓީމާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ރޭ ތަށި އުފުލާލާނީ ހެންޑަސަން ކަމަށެވެ.
"މީގައި އޮތް ރަނގަޅަކީ އޭނާ އޮޕަރޭޝަންކުރަން ނުޖެހޭކަން. އެކަމަކު އޭނަ ނެތި މެޗުތަކެއް ކުޅެން ޖެހުން އެއީ އަހަންނަށް ކަންބޮޑުވުމެއް. އެންމެނަށް ވެސް އެނގޭނެ ކަމަކީ ތަށި އުފުލާލުން އެންމެ ހައްގުވާ ކުޅުންތެރިއަކީ ހެންޑަސަން. އެކަން ކުރާނީ ވެސް އޭނާ. ތަށި އުފުލާލުމުގެ ޝަރަފު އޭނާ އަށް ދޭނަން،" ކްލޮޕް ބުންޏެވެ.
މީގެ ފަސް އަހަރު ކުރިން ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވިއިރު ކްލޮޕަށް އޮތް އެންމެ ބޮޑު ޗެލެންޖް މިހާރު އޭނާ ވަނީ ފުރިހަަމަކޮށްފަ އެވެ. އެއީ ލިވަޕޫލުން ލީގު ހޯދުމަށް ކުރި ދިގު އިންތިޒާރަށް ނިމުމެއް ގެނައުމެވެ. ކްލޮޕް ބުނީ އެކަން ކުރެވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށާއި ކެޕްޓަނެއްގެ ހައިސިއްޔަތުން ހެންޑަސަން ކުރި މަސައްކަތް ވެސް ފާހަގަކުރާ ކަމަށެވެ.
ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy