ޔުވެންޓަސްގެ ޑިބާލާ ރޭގެ މެޗުގެ ތެރެއިން ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2020 - 09:50
މިލާން (ޖުލައި 24) - ފަހު ވަގުތު އުދިނޭޒީ އަތުން 2-1 އިން ބަލިވެ، އިޓާލިއަން ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ޔުވެންޓަސް އިން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެގެން ޔުވެންޓަސް އަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތެވެ. މިހާރު އޮތްގޮތުން ވެސް ލީގުގައި ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ހޯދަން ޔުވެންޓަސް އަށް ބޭނުންވަނީ ތިން ޕޮއިންޓެވެ. އެ އަދަދަށް ޕޮއިންޓް ނުލިބި ވެސް، ވާދަވެރި އެހެން ޓީމުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޔުވެންޓަސް އަށް ތަށި ލިބުމުގެ ފުރުސަތު އެބައޮތެވެ.
އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް 35 މެޗުން ލިބިފައިވަނީ 80 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާގެ 35 މެޗުން 74 ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި އޮތް އިންޓަ މިލާނުގެ އޮތީ 35 މެޗުން 73 ޕޮއިންޓެވެ. އަދި ހަތަރެއްގައި އޮތް ލާޒިއޯ ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅާ އެކު ލާޒިއޯ އަށް 35 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާއެއް އުދިނޭޒީ ކީޕަރު ހުއާން މޫސޯ ވަނީ މަތަކޮށްފަ އެވެ. ޔުވެންޓަސް އަށް ފުރަތަމަ ހާފް ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ލީޑުނަގައިދިނީ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑިލީޓް އެވެ. ދެ ވަނަ ހާފުގައި ކުޅެން އެރިތާ ހަތް މިނިޓް ތެރޭ އުދިނޭޒީ އަށް އެއްވަރުކޮށްދިނީ އިލީއާ ނެޓޮރޯވްސްކީ އެވެ. އަދި އެ ޓީމު މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ސެކޯ ފޮފާނާ އެވެ.
އަމިއްލަ ދަނޑުގައި 10 އަހަރު ތެރޭ ޔުވެންޓަސް އަތުން ހޯދި މި މޮޅާ އެކު އުދިނޭޒީ އަށް ވަނީ އިތުރު ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ އުދިނޭޒީ މިހާރު އޮތީ ލީގުގެ 15 ވަނައިގަ އެވެ. އެއީ ރެލިގޭޝަން ޒޯނަށް ވުރެން ހަތް ޕޮއިންޓް ކުރީގަ އެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.
ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ޔުވެންޓަސް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަ ކަމަށާއި ވަރުގަދަކޮށް ކުޅެން ޖެހޭ ވަގުތުތަކުގައި ވެސް އެ ޓީމުގެ ފަރާތުން ފެންނަނީ އާދައިގެ ކުޅުމެއް ކަމަށެވެ.
ކަލިއަރީ އަތުން ރޭ ލާޒިއޯ ހޯދި މޮޅާ އެކު އެ ޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މިއީ އެ ޓީމުން 13 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ލާޒިއޯގެ ޗީރޯ އިމޯބިލޭ ޖެހި ގޯލާ އެކު އޭނާ ވަނީ 31 ގޯލާ އެކު ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. އެއީ ދެ ވަނައިގައި އޮތް ރޮނާލްޑޯ އަށް ވުރެން އެއް ގޯލު އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy