28 ޖުލައި 2020 - 10:50
ޕެރިސް (ޖުލައި 28) - ފްރެންޗް ކަޕުގެ ފައިނަލުގައި ސެއިން އެޓިއެން އަތުން ހޮނިހިރު ދުވަހުގެރޭ 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، އަންނަ މަހު ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުގައި ކުޅުމުގެ ފުރުސަތު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އަށް ގެއްލިއްޖެ އެވެ.
ސެއިން އެޓިއެންގެ ލޮއިކް ޕެރީން ކުރި ޓެކުލުން ލިބުނު އަނިޔާގެ ތަފްސީލު ހޯދަން ކުރި ޓެސްޓްތަކުން އެނގުނީ އެމްބާޕޭގެ އަނިޔާ ހީކުރިހާ ސީރިއަސް ނޫން ކަމަށެވެ. އެކަމަކު ލިގަމެންޓަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާވެ އެނބުރި ދަނޑަށް ނުކުންނަން މަދުވެގެން ތިން ހަފްތާ ނަގާނެކަން ޕީއެސްޖީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ އަށް ޔަގީނުން ވެސް އަންނަ ހުކުރު ދުވަހު ލިޔޯނާ ދެކޮޅަށް ކުޅޭ ލީގު ކަޕް ފައިނަލް މެޗު ގެއްލޭނެ އެވެ. އަދި އަންނަ މަހު 12 ވަނަ ދުވަހު އެޓަލަންޓާއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗު ވެސް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ކޮވިޑް-19 ގެ ސަބަބުން ޗެމްޕިއަންސް ލީގު ސެންޓްރައިޒްކޮށް މިނީ ޓޯނަމެންޓް ފޯމެޓަށް ކުރިއަށްގެންދަނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. ޕީއެސްޖީން އުއްމީދުކުރަނީ ސެމީ ފައިނަލަށް އެ ޓީމު ގޮސްފިނަމަ އެމްބާޕޭ އަށް ކުޅެވޭނެ ކަމަށެވެ. މިހާރު އޮތްގޮތުން ސެމީ ފައިނަލް ތާވަލުކޮށްފައި އޮތީ އަންނަ މަހު 18 އާއި 19 ވަނަ ދުވަހަށެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އޭނާ އަކީ ވަރަށް އުއްމީދީ މީހެއް ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން އެމްބާޕޭ އަށް ކުއާޓާ ފައިނަލުގައި ކުޅެވުމުގެ އުއްމީދު ދޫކޮށްނުލާނެ ކަމަށެވެ.
މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ އެޓަލަންޓާ އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނީ އިޓާލިއަން ލީގުގައި އެ ޓީމުން ރަނގަޅު ފޯމެއްގައި އޮވެ ނިންމާލައިފިނަމަ ޕީއެސްޖީ އަތުން ވެސް ކާމިޔާބު ހޯދިދާނެ ކަމަށެވެ. އެޓަލަންޓާ އިން ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ސްޕެއިނުގެ ވެލެންސިއާ ކަޓުވާލުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy