28 ޖުލައި 2020 - 10:58
މިއުނިކް (ޖުލައި 28) - މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވި ނަމަވެސް އިންގްލެންޑުގެ ވިންގާ ޖޭޑަން ސަންޗޯ ވިއްކާލަން އޭނާގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑުން ކިޔާ އަގު ކުޑަނުކުރަން އެ ކްލަބްގެ ބޯޑުން ނިންމައިފި އެވެ.
އުމުރުން 20 އަހަރުގެ ސަންޗޯ ހޯދުމުގެ ރޭހުގައި މީގެ ކުރިން ޗެލްސީ އާއި ލިވަޕޫލް ވެސް އޮތެވެ. އެކަމަކު ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގުބޮޑުވުމުން ޗެލްސީ އާއި ލިވަޕޫލުން އެ މަސައްކަތް ހުއްޓާލީ އެވެ. މި ވަގުތު ސަންޗޯ ހޯދުމަށް މަސައްކަތްކުރާ ހަމައެކަނި ކްލަބަކީ ޔުނައިޓެޑް އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ސަންޗޯ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ ސަންޗޯ ހޯދަން 100 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެއީ ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގަށް ވުރެން 25 މިލިއަން ޑޮލަރު މަދު އަދަދެކެވެ. ޔުނައިޓެޑުގެ ފުރަތަމަ ބިޑަށް ނޫނެކޭ ބުނެފައިވާކަން ހާމަކޮށް ޖަރުމަނުގެ ނޫހަކަށް ޑޯޓްމަންޑްގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ކޮވިޑް-19ގެ ސަަބަބުން މާލީ ގޮތުން ޓީމަށް އަސަރުތަކެއް ކޮށްފައިވީ ނަމަވެސް ސަންޗޯ ފަދަ ޓީމުގެ މުހިއްމު ކުޅުންތެރިއަކު ވިއްކާލާނީ ކްލަބުން ބޭނުންވާ އެކަށީގެންވާ އަގަކަށެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޔުނައިޓެޑުން ދެން ފާރަލަމުން އަންނަ އެއް ކުޅުންތެރިއަކީ އެސްޓަން ވިލާގެ ޖެކް ގްރީލިޝް އެވެ. ގްރީލިޝް ވިއްކާލަން އެސްޓަން ވިލާ އިން ކިޔާ އަގަކީ 70 މިލިއަން ޑޮލަރެވެ.
ޔޫތު ކެރިއަރު ވަޓްފޯޑުގައި ހޭދަކުރި ސަންޗޯ 2015 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެވެ. އިންގްލެންޑާ އެކު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސަންޗޯ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ އޭނާ ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑާ ގުޅިފަ އެވެ. އެ ޓީމުގައި ސަންޗޯ އަންނަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ.
ސަންޗޯ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް މީގެ ކުރިން ޑޯޓްމަންޑްގެ ކޯޗު ލޫޝިއަން ފާވްރޭ ބުނި ނަމަވެސް ދާދި ފަހުން އޭނާ ވަނީ އެއްވެސް ކުޅުންތެރިޔަކީ ތާ އަބަދު އެއް ޓީމެއްގައި ހުންނާނެ ކުޅުންތެރިޔެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެފަ އެވެ. ސަންޗޯ ވެސް ވަނީ އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުމުގެ ޝައުގުވެރިކަން ހުރިކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy