ބިލްބާއޯ އަށް ބިއެލްސާ (ކ) ކޯޗުކޮށްދިންއިރު މެޗަކަށް ފަހު މެސީއާ ވާހަކަ ދައްކަނީ.
28 ޖުލައި 2020 - 10:42
ލަންޑަން (ޖުލައި 28) - ބާސެލޯނާ އިން އާ ކޯޗެއް ހޯދަން މަސައްކަތްކުރާ ކަމަށް އަޑުފެތުރިފައިވާއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުންވަނީ ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާއާ ޓީމު ހަވާލުކުރުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗަކަށް ގެނައި ކީކޭ ސެޓިއެންގެ މުސްތަގުބަލާ މެދު ސުވާލުއުފެދިފައިވާއިރު، އެ ޓީމާ ދެން ހަވާލުވާނެ ކޯޗެއްގެ ވާހަކަތައް ވެސް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ. ސެޓިއެން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އަންނަ މަހު އޮތް ޗެމްޕިއަންސް ލީގުގެ މެޗުގައި ޓީމަށް އިރުޝާދުދޭނީ އޭނާ ކަމަށާއި އެކަމަކު އަންނަ ސީޒަނުގައި އޭނާ ބާސެލޯނާ އިން ފެންނާނެތޯ އެ ސުވާލަށް ސީދާ ޖަވާބެއް ދޭން ނޭނގޭ ކަމަށެވެ.
ސްޕެނިޝް ލީގުގެ ބޮޑުބައިގައި އެއް ވަނައިގައި ބާސެލޯނާ އޮތް ނަމަވެސް ކޮވިޑް-19ގެ ބްރޭކަށް ފަހު އަލުން ލީގު ފަށައިގެން ރެއާލް މެޑްރިޑުން ވަނީ ތަފާތު ދައްކައި ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ބާސެލޯނާ އަށް ލީގު ގެއްލުމުގެ ހުރިހާ ޒިންމާއެއް ނުނަގާނެ ކަމަށް ސެޓިއެން ބުނެފައިވާއިރު، އޭނާ އެ ވާހަކަތަށް އެ ގޮތަށް ދެއްކުމުން ބާސެލޯނާގެ ބޯޑާއި ގިނަ ކުޅުންތެރިން ވަނީ ނުރުހިފަ އެވެ.
ބާސެލޯނާގެ ކޮންޓްރެކްޓް މެސީ އާ ކުރާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުޅުންތެރިންގެ ފަރާތުން މެސީގެ ޑިމާންޑަކީ ދުރު މުސްތަގުބަލަކަށް ވިސްނައި ރަނގަޅު ކޯޗަކާ ޓީމު ހަވާލުކުރުމެވެ. އެ ގޮތުން މެސީ ވަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 64 އަހަރުގެ ބިއެލްސާގެ ނަން ހުށަހަޅައިފަ އެވެ.
ލީޑްސްއާ އެކު ބިއެލްސާ ހަދާފައިވާ އެއްބަސްވުން މި ހަފްތާގެ ނިޔަލަށް ހަމަވާނެ އެވެ. އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަަނަ ޑިވިޝަން)ގެ ޗެމްޕިއަންކަން ލީޑްސް އަށް ހޯދައިދިން ކޯޗު ބިއެލްސާގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދެ އެވެ. ބިއެލްސާގެ ގިނަ ޑިމާންޑްތަކެއް ހުރުމާ އެކު އާ ޑީލްގެ ކަންތައްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދެ އެވެ.
ހައި ޕްރެސިން އެޓޭކިން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ އަށް މާބޮޑު ކާމިޔާބެއް ލިބިފައި ނެތަސް އޭނާ އަކީ ޓެކްޓިކަލީ ތަފާތު މޮޅު ކޯޗެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރޯސިއޯ ޕޮޗެޓީނޯ އަދި އެތުލެޓިކޯ މެޑްރިޑުގެ ޑިއެގޯ ސިމިއޯނީ އަކީ ބިއެލްސާ އަށް ވަރަށް ތާއީދުކުރާ އަދި އޭނާގެ ކިބައިން ފިލާވަޅު ނަގާ ކޯޗުންނެވެ. ދާދި ފަހުން ގާޑިއޯލާ ބުނީ ލީޑްސް ގޮވައިގެން ޕްރިމިއާ ލީގަށް އައިސް ބިއެލްސާ ތަފާތު މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ 30 އަހަރު ކުރިން އުފަން ގައުމު އާޖެންޓީނާގައި ކޯޗިން ކެރިއަރު ފެށި ބިއެލްސާ ވަނީ އާޖެންޓީނާ ގައުމީ ޓީމާއި، ޗިލީ، އެތުލެޓިކް ބިލްބާއޯ އަދި އޮލިމްޕިކް މާސޭ އަށް ކޯޗުކޮށްދީފަ އެވެ. އާޖެންޓީނާ އިން 2004 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރަން މެޑަލް ހޯދައިދިނީ ބިއެލްސާގެ އިރުޝާދުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބަ
28 July 2020
މެސީ ކޯޗްކޮއްދެމުން ގޯލަޔަށް އަރާބަލަ ސައްފުޖަހާފަ ފޯވާޑަކަށް އަރާނީ ފަހަތަށް ބޯޅައައީމަ ޑިފެންޑަރަކަށްވާނީ ގޯލަޔަށް ސޫޓް ކުރާއިރު ކީޕަރަކަށް އޮވެބަލަ ދެންމޮޔަވޭ
މާރިޔާ
28 July 2020
ލޮލް.. މެސީ ހުރިހާ ކަމަކަށް ބޯ ކޮށްޕަން ޖެހޭތަ؟ ކޯޗުވެސް ގެންނަން ޖެހެނީ މެސީ ބޭނުންވާ މީހެއް. ކުޅުންތެރިންވެސް މެސީ ބޭނުންވާ ކުޅުންތެރިން.. ޓީމަށް ލާންޖެހެނީ މެސީ ބޭނުންވާ މީހުން... ދެން ކިހިނެއް ރަނގަޅުވާނީ؟
ވީއޭއާރް
28 July 2020
ރެއާލް މެޑްރިޑުން ތަފާތު ދެއްކީއޭ. އަސްލުތަ? މަށަށް ފެނުނީ ރެފްރީން ދެއްކި ތަފާތު.