ލީގު ކަޕްގެ ތަށްޓާ އެކު ޕީއެސްޖީން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
01 އޯގަސްޓް 2020 - 06:27
ޕެރިސް (އޮގަސްޓް 1) - ޕެނަލްޓީ ޖަހައިގެން 6-5 އިން ލިޔޯންގެ މައްޗަށް ކުރިހޯދައި ޕީއެސްޖީން ނުވަ ވަނަ ފަހަރަށް ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ ނުލައި ރޭގެ މެޗުގައި ޕީއެސްޖީން ކުޅުނުއިރު ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެފަ އެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ފަސް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ އަށް ދިޔައިރު ލިޔޯން އޮތީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ ރަފައެލް އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ޕެނަލްޓީގައި ފުރަތަމަ ދެ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީން ޕެނަލްޓީތައް ފޮނުވާލީ އެންހެލް ޑިމާރިއާ، މާކޯ ވެރާޓީ، ލެއަންޑްރޯ ޕަރޭޑޭސް، އެންޑަ ހެރާރާ އަދި ނޭމާ އެވެ. ލިޔޯނުގެ ފުރަތަމަ ފަސް ޕެނަލްޓީ ވައްދާލީ ޔަކީމް އެންޑަސަން، ކާލް އެކާމްބީ، މެކްސެންސް ކަކޭރޭޓް، ތިއާގޯ މެންޑޭޒް އަދި ހުސާމް އޯއާރް އެވެ. ލިޔޯނަށް މެޗު ގެއްލުނީ ހަ ވަނަ ޕެނަލްޓީ ފޮނުވާލަން ދިޔަ ބާޓްރަންޑް ޓްރައޯރޭ އަތުން ބޭކާރުވުމުންނެވެ. މެޗުން މޮޅުވަން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީގެ ހަަ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު މޮޅުކޮށްދީފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން 10 ބުރުގެ މެޗުތަށް ނުކުޅެ ފްރެންޗް ލީގު އަވަހަށް ނިންމާލަން ޖެހުމުން 12 ޕޮއިންޓުގެ ލީޑެއްގައި އޮތް ޕީއެސްޖީ އަށް ތަށި ދޭން ނިންމި އެވެ. ލީގު އަވަހަށް ނިންމާލަން ނިންމި ނަމަވެސް ފުރުސަތު ލިބުނުހާ އަވަހަކަށް ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕް ފައިނަލް ބާއްވަން ނިންމި އެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީ މޮޅުވީ ސެއިން އެޓިއެން އަތުން 1-0 އިންނެވެ.
މެޗަށް ފަހު ޕީއެސްޖީގެ އެމްބާޕޭ (ކ) އާއި އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލްހެއްލާފީ 2011 ވަނަ އަހަރު ޕީއެސްޖީ ގަތް ފަހުން ފްރާންސްގެ ފުރަތަމަ ޑިވިޝަނަށް ބޭއްވި 36 މުބާރާތުގުގެ ތެރެއިން 25 މުބާރާތުގެ ތަށި އުފުލާލީ ޕީއެސްޖީންނެވެ. މި މުއްދަތުގައި ޕީއެސްޖީން ނޫން އެއްވެސް ޓީމަކަށް ދެ ތަށްޓަށް ވުރެން އިތުރަށް ހޯދިފައެއް ނުވެ އެވެ. ޕީއެސްޖީން އެންމެ ބޮޑަށް ބޭނުންވާ ކާމިޔާބަކީ ޗެމްޕިއަންސް ލީގެވެ. ދިހަ ދުވަސް ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ އިޓަލީގެ އެޓަލަންޓާއާ ދެކޮޅަށެވެ.
މިއީ 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނަކު ބާއްވަމުން އަންނަ ފްރެންޗް ލީގު ކަޕް ބާއްވާ ފަހު އަހަރެވެ. އަންނަ ސީޒަނުން ފަށައިގެން މި މުބާރާތް ނުބާއްވަން ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ނިންމީ ޔުއެފާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. މިހާރު އޮތްގޮތުން ފްރާންސްގެ ފުޓްބޯޅަ ސީޒަނުގައި އޮންނާނީ ފްރެންޗް ލީގާއި ފްރެންޗް ކަޕްގެ އިތުރުން ސީޒަން ހުޅުވާއިރު ކުޅޭ ސުޕަ ކަޕް މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy