10 އޯގަސްޓް 2020 - 10:53
ޓިއުރިން (އޮގަސްޓް 10) - ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ޔުވެންޓަސް އިން ދޮގުކޮށްފި އެވެ.
މީގެ ދެ އަހަރު ކުރިން ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ އާ ޗެލެންޖެއް ނެގުމުގެ ގޮތުންނެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން އަޔަކްސް އަތުން ބަލިވެ ޔުވެންޓަސް ކެޓިއިރު، މި ފަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގު ނިމުނީ ދެ ވަނަ ބުރުގައި ލިޔޯން އަތުން ކުރިނުހޯދިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ކުރިއެރުމެއް ނެތުމުން ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުުނީ ޕީއެސްޖީ އަށެވެ. އަދި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ޕީއެސްޖީގެ އޮފިޝަލުންނާ ބައްދަލުކުރަން އުޅޭ ވާހަކަ ވެސް މީޑިއާގައި ދެކެވެމުންދަނިކޮށް ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެއްލީ ވިދާޅުވީ އަންނަ ސީޒަނުގައި ވެސް ރޮނާލްޑޯ ފެންނާނީ އެ ޓީމުން ކަމަށެވެ.
"އަހަންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ރޮނާލްޑޯ މި ޓީމުގައި މަޑުކުރާނެ ކަމުގެ. އަހަންނަށް ހީވަނީ މިއީ މީޑިއާ އިން ދައްކާ ވާހަކައެއް. ރޮނާލްޑޯ ޕެރިހަށް ދާން އުޅޭ ކަމުގެ ވާހަކަތަކަކީ އޭނާ ވަރަށް ކުރިން ފްރާންސް ޓީމަކާ ދެކޮޅަށް ކުޅުނުއިރު މީޑިއާ އަށް އިން އިންޓަވިއުއެއް ބަލައިގެން މި ވަގުތު ވާހަކަ އޮޅުވާލަން މީޑިއާ އިން ބޭނުންކުރާ އުކުޅެއް،" ސްކައިއިޓާލިއާ އަށް އަގްނެއްލީ ވިދާޅުވި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގިނަ ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 37 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ޔުވެންޓަސްގެ ތާރީހުގައި އެއް ސީޒަނެއްގެ ތެރޭ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއާ ގުޅިގެން ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ކޯޗު ކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯ ހަމަޖައްސައިފަ އެވެ. ޕިރްލޯ އަށް އެ މަގާމު ދޭން ނިންމީ ރައީސް އަގްނެއްލީ އެވެ. ޕިރްލޯ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވީ މީގެ ނުވަ ދުވަސް ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
13 August 2020
ޔުވެންޓާސްއިން ބާސާ ގާތު ރޮނާލްޑޯ ގަންނަން އާދޭސް ކުރާވާހަކަ ގޯލްޑޮޓްކޮމް ގައި އެބަ އޮތް