ަބަޔާން މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް.-- ފޮޓޯ: އޭއެފްޕީ
23 އޯގަސްޓް 2020 - 09:25
ލިޒްބަން (އޮގަސްޓް 23) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު ޕީއެސްޖީ ވެގެން ވަކި ހާއްސަ ގޮތަކަށް ބަޔާން މިއުނިކް ތައްޔާރުނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ވެސް ބަޔާން ވަނީ މޮޅުވެފަ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މިރޭގެ ފައިނަލަށް ނުކުންނައިރު އެ ޓީމު ވަނީ މި މުބާރާތުގައި މިހާތަނަށް 42 ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 1999/2000 ވަނަ އަހަރުގެ މުބާރާތުގައި 45 ގޯލު ޖެހި ބާސެލޯނާ ޓީމު އަތުގަ އެވެ.
ބަޔާންގެ ހެޑް ކޯޗުގެ މަގާމާ މިދިޔަ ޑިސެމްބަރު މަހު ހަވާލުވުމަށް ފަހު ފްލިކް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައި ޖަރުމަނު ކަޕްގެ ތަށި ވެސް އުފުލާލި އެވެ.
ފްލިކް ހަވާލުވި ފަހުން ހުރިހާ މެޗެއްގައި ވެސް ބަޔާން ލައްވައި ކުޅުވާފައިވަނީ ދާދި އެއް ސްޓައިލަކަށެވެ. ހައި ޕްރެސިން ގޭމެއް ކުޅުވާއިރު އިދިކޮޅު ޓީމަށް ވެސް ބަޔާން ކޮޅަށް ގޯލު ޖަހަން ފުރުސަތު ލިބެ އެވެ. މިރޭގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭއިރު އެ ސްޓައިލް ބަދަލުކޮށްފާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފްލިކް ބުނީ ޕީއެސްޖީ ވީމަ ވަކި ވިސްނުމެއް އޮންނަން ޖެހޭ ކަމަށް އޭނަ ނުދެކޭ ކަމަށެވެ.
"ފާއިތުވި 10 ވަރަކަށް މަހުގައި އަހަރެމެންގެ ކޮންމެ މެޗެއް ކަހަލަ ގޮތަކަށް އަހަރެމެން ހައި ލައިން ޑިފެންސެއްގައި މި ކުޅެނީ އަހަރެމެންގެ ޕްރެސިން ގޭމަށް ފުރުސަތު ދޭން. އެ ގޮތަށް ކުޅެގެން އަހަރެމެން ބޭނުންވާ ނަތީޖާ ނެރެވިފައި ހުރީ. ތެދެއް އެ ގޮތަށް ކުޅޭއިރު އަހަރެމެން ޑިފެންސްގެ ފަހަތުގައި ވަރަށް ބޮޑު ޖާގައެއް އޮވޭ. މީގެ މުހިއްމީ އަމިއްލަ ކޮންފިޑެންސާ އެކު ބޭނުންވާ ގޭމް ކުޅުން،" ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ކުރިން ހުރި ފްލިކް ބުންޏެވެ.
މިއީ ބަޔާން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ 11 ވަަނަ ފަހަރެވެ. އެ ޓީމަށް ވުރެ ގިނައިން ފައިނަލުގައި ވާދަކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑުންނެވެ. ރެއާލުން ވަނީ 16 ފަހަރު ފައިނަލުގައި ކުޅެ 13 ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ބަޔާން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. ބަޔާން ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބެންޗުން އެރި ކުޅުންތެރިންގެ ފަރާތުން ބޭނުންވި ވަރުގެ ރަނގަޅު ކުޅުމެއް ފެނުނު ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު ކުޅުންތެރިންނަށް ވަރުބަލިކަން ވެސް އިހުސާސްވެފައިވާ ކަމަށާއި އެހެންވެ މިރޭގެ ފައިނަލުގައި ނެރޭ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
ޕޯޗުގަލްގެ ލިޒްބަންގައި ބަޔާން އާއި ޕީއެސްޖީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ސާ
23 August 2020
2-0 ޕީއެސްޖީ މޮޅުވާނެ ކަމަށް
އޭނަ މީނަ
23 August 2020
އުންމީދުކުރަން ބަޔާން މޮޅުވާނެކަމަށް. ބަޔާނަށް ތިތަށި ހައްގު. ތެލުގެ ވިޔަފާރިން ހިންގާ ކްލަބަކަށް ސަޕޯރޓެއްނުކުރާނަން.
ހޭހަން
23 August 2020
އުންމީދަކީ ޕީއެސްޖީ މޮޅުވުން. މިކިޔަނީ ޕީއެސްޖީ މޮޅުވުމޭ މިރޭ ބޭނުންވަނީ.
ދޮންވެލި
23 August 2020
ނިގި ގެއްލުވާ ނުލާ ހައި ލައިޓްސް ބަލާލީމަ ރަނގަޅު ވާނެ އެވެ.
ކެންޑްރިކް
23 August 2020
ބަޔާން މޮޅުވާނެ %100 ޔަގީން
ބާރު
23 August 2020
ކުރިން ނިދާލާފަ ފަހުން ހޭލަންވީ. އެހެންނޫނީ މެޗެއް ނުބެލޭނެ.