ބާސެލޯނާ ދޫކޮށްލަން މެސީ ނިންމައިފި!

ބާސެލޯނާ (އޮގަސްޓް 26) - އާ އެއްބަސްވުމެއްގައި ލިއޮނަލް މެސީ ސޮއިކުރާނެ ކަމަށް ބާސެލޯނާ އިން ބުނަމުންދަނިކޮށް، ކްލަބް ދޫކޮށްލަން ބޭނުންވާކަން މެސީ ބާސެލޯނާ އަށް އަންގައިފި އެވެ.


ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހަޅާފައިވާ ކަމަށް އެ ކްލަބުން ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފަ އެވެ. އުމުރުން 33 އަހަރުގެ މެސީ މި ގޮތަށް ހުށަހެޅިއިރު އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. އެހެން ނަމަވެސް ކޮންމެ ސީޒަނެއް ނިންމާފައި މެސީ އަށް ވަކި މުއްދަތެއްގެ ތެރޭގައި އެއްވެސް އަގެއް ނުދީ އެހެން ކްލަބަކަށް ހިލޭ ބަދަލުވެވޭ ގޮތަށް އޮންނަ މާއްދާ އަށް ބަލައި މެސީ ވަނީ ކްލަބް ބަދަލުކުރަން ހުށަހެޅީ އެވެ.

މެސީގެ މި ހުށަހެޅުމާ އެކު ބާސެލޯނާ އިން ކުރިއަށްދާނެ ގޮތެއް ބަލަން ވަރަށް އަވަހަށް ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޓީމު ދޫކޮށްލަން މެސީ ބޭނުންވާ ގޮތާ މެދު ބާސެލޯނާގެ ބައެއް މެމްބަރުންގެ ސުވާލުތަކެއް އެބަހުއްޓެވެ. އެއީ ކޮންޓްރެކްޓްގައިވާ ގޮތުން ހިލޭ ޓްރާންސްފާއެއްގައި މި އަހަރު މެސީ ކްލަބް ދޫކޮށްލާނަމަ ޖޫން 10 ވަނަ ދުވަހުގެ ކުރިން އެކަން ކްލަބަށް އަންގަންޖެހޭތީވެ އެވެ. އެ މުއްދަތުގެ ފަހުން މެސީ ދޫކޮށްލެވޭނީ އޭނާގެ ކޮންޓްރެކްޓްގައިވާ 700 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން އޭރު އަދި ސީޒަން ނުނިމޭތީ އެ ވަގުތު މެސީ އެކަން ކުރެވެން ނެތެވެ. އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މެސީ ދޫކޮށްލަން ދެކޮޅު ހަދާނަމަ އޭނާ އެކަން ގާނޫނީ ޓީމު މެދުވެރިކޮށް ކުރިއަށްގެންދިއުމުގެ ވިސްނުން ގެންގުޅެ އެވެ.

ކްލަބް ބަދަލުކުރަން މެސީ ހުށަހެޅުމާ އެކު އޭނާގެ އެ ނިންމުމަށް އިހުތިރާމްކުރަން އެންމެ ފުރަތަމަ ގޮވާލީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލެސް ޕުޔޯލް އެވެ. މެސީގެ އެ ނިންމުމަށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ މަރުހަބާ ކިޔައިފަ އެވެ. ސުއަރޭޒަކީ ބާސެލޯނާ އިން ވިއްކާލަން މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެކަމަކު ސުއަރޭޒް ދާދި ފަހުން މީޑިއާގައި ބުނީ އޭނާ ވިއްކާލަން ބޭނުންނަމަ ކްލަބުން އެކަން އަންގަންޖެހޭނެ ކަމަށާއި އޭނާއާ މެދުގައި ގޮތެއް ނިންމޭއިރު ޖަވާބުދާރީވާން ފުރުސަތެއް އޮންނަންވާނެ ކަމަށް ބުނެފަ އެވެ.

ފަހަކަށް އައިސް ބާސެލޯނާގައި މެސީ އާއި ޓީމުގެ ބޯޑު މެމްބަރުންނާ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ކަންތައްތައް ގޯސްވާން ފެށީ މީގެ ތިން ސީޒަން ކުރިން ބާސެލޯނާ އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ނޭމާ ވިއްކާލުމުންނެވެ. އޭރު ނޭމާ އާއި ބާސެލޯނާ ބޯޑު މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

ބާސެލޯނާގެ ލީޑަޝިޕާ މެދު މެސީގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފަހަކަށް އައިސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. ބާސެލޯނާގެ ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކިކުރި އެރިކް އަބިދާލް ވަނީ ބާސެލޯނާގެ ކޯޗުކަމުން ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ ވަކިކުރުމުގައި ކުޅުންތެރިންގެ ރޯލެއް އޮތް ކަމަށް ބުނެފަ އެވެ. އަބިދާލަށް ރައްދުދެމުން މެސީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ލިޔުނީ "ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ" ކަމަށެވެ.

މެސީގެ އެންމެ ބޮޑު އަނެއް ހިތްހަމަނުޖެހުމަކީ ކްލަބްގެ ނިންމުންތަކުގައި އޭނާގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ހުއްޓުވަން ކްލަބްގެ ބޯޑުން މަސައްކަތްނުކުރުމެވެ. އަދި ބާސެލޯނާގެ ރައީސް ޖޯސެފް ބޯޓޮމެއު އާއި ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތްކުރުމަކީ ވެސް ކްލަބުގެ ދޫކޮށްލަން މެސީ ވިސްނަން ފެށި ހިސާބެކެވެ.

ބާސެލޯނާގެ ސީނިއާ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މެސީ މީގެ ކުރިން ވެސް ވަނީ އެ ޓީމު ދޫކޮށްލަން ވިސްނައިފަ އެވެ. އެއީ 2017 ވަނަ އަހަރު ބެލި މެސީ ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން އޭނާއާ މެދު ނާއިންސާފުން ގިނަ ކަންތައްތަކެއް ކުރަމުންދާތީ އޭގެ ސަބަބުން އެހެން ގައުމަކަށް ބަދަލުވާން ބޭނުންވުމެވެ. މެސީ ބުނީ އެ ފަހަރު އޭނާ އަށް ރަސްމީކޮށް އެއްވެސް ކްލަބެއްގެ ހުށަހެޅުމެއް ނުލިބޭ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާ ބާސެލޯނާ ދޫކޮށްލަފާނެކަން އެއްވެސް ބަޔަކަށް ގަބޫލުނުކުރެވުން ކަމަށެވެ. އެހެންވެ ރަސްމީކޮށް ކްލަބް ބަދަލުކުރަން އޭނާ ހުށަނާޅަ އެވެ.

އެކަމަކު މިހާރު އޮތްގޮތުން މެސީ ބާސެލޯނާ ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އޭނާ ދެން ފެނުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަދި އިޓަލީގެ އިންޓަ މިލާން ތެރެއިން ކްލަބަކުންނެވެ.