ޕީއެސްޖީގެ މެޗަކަށް ފަހު ތިއާގޯ ސިލްވާ.-
27 އޯގަސްޓް 2020 - 06:28
ލަންޑަން (އޮގަސްޓް 27) - ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ޗެލްސީ އަށް ސޮއިކޮށްފިނަމަ އެ ޓީމުގެ ކެޕްޓަންކަން އޭނާ އަށް ހުށަހަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ސިލްވާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށްވަނީ ހަމަވެފަ އެވެ. އޭނާ ވަނީ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ކާލޯ އަންޗެލޮޓީގެ ހުށަހެޅުން ގަބޫލުކޮށް އެވަޓަން އަށް ބަދަލުވާން މަޝްވަރާކޮށް ފަހުން އިޓަލީގެ ފިއޮރެންޓީނާ އިންވެސް ރަނގަޅު ކޮންޓްރެކްޓެއް ލިބުނު ސިލްވާގެ ވިސްނުން މިހާރު ހުރީ ޗެލްސީއާ ގުޅޭށެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެންމެ ލަސްވެގެން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ސިލްވާ ޗެލްސީއާ ގުޅޭނެ އެވެ.
ބްރެޒިލްގެ ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ސިލްވާ އަށް އެ ޓީމުގެ ކެޕްޓަންކަން ހުށަހަޅައިފަ އެވެ. ޗެލްސީގެ ކެޕްޓަންކަން މިހާރު ކުރަމުން އަންނަނީ ސްޕެއިނުގެ ޑިފެންޑަރު ސެޒާ އަޒްޕްލިއަސެޓާ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ލަމްޕާޑް ސިލްވާ އަށް ކެޕްޓަންކަން ހުށަހެޅީ ލީޑަރެއްގެ ކޮލިޓީ އަށް ބަލާއިރު ސިލްވާ ބްރެޒިލް ގައުމީ ޓީމާއި ކްލަބް ލެވަލްގައި ތަފާތު ދައްކާފައިވާތީ އެވެ. ސިލްވާ ވަނީ ޕީއެސްޖީ ކެޕްޓަންކަން ދިގު މުއްދަތަކަށް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ލެސްޓާގެ މެޗެއްގެ ތެރެއިން ޗިލްވެލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީން ރޭ ވަނީ ލެސްޓާ ސިޓީގެ ވާތު ބެކް ބެން ޗިލްވެލްގެ ސޮއި ހޯދައިފަ އެވެ. ފާއިތުވި އަހަރުތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދި ޗިލްވެލް ޗެލްސީ އަށް ބަދަލުވީ 50 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އިންގްލެންޑް ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާފައިވާ ޗިލްވެލްގެ ސޮއި ހޯދުމަށް ފަހު ޗެލްސީން އަންނަނީ މާކޯސް އަލޮންސޯ އާއި އެމަސަން ޕަލްމިއޭރީ ދޫކޮށްލަން މަސައްކަތްކުރަމުންނެވެ. އެމަސަން ހޯދަން އިޓަލީގެ ކްލަބްތަކުން ޝައުގުވެރިވެ އެވެ.
ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޗިލްވެލް ޗެލްސީ އަށް ބަދަލުވިއިރު، އޭނާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީން ވަނީ އާރްބީ ލައިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ އާއި އަޔަކްސްގެ ހަކީމް ޒިޔެކްގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާ ގެނެސްފަ އެވެ.
ސިލްވާގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އިތުރު ތިން ކުޅުންތެރިއަކު ގެންނާނެ ކަމަށް ބެލެވެ އެވެ. އެއީ ބަޔާ ލެވަކޫސަންގެ އުއްމީދީ ތަރި ކައި ހަވާޓްޒާއި ނީސް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު މަލަންގް ސާ އަދި ގޯލްކީޕަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy