29 އޯގަސްޓް 2020 - 23:18
ލަންޑަން (އޮގަސްޓް 29) – ކެޕްޓަން ޕިއެރޭ-އެމެރިކް އޯބަމަޔަންގެ ހިއްސާއާ އެކު، ޕެނަލްޓީ ޖަހައިގެން ލިވަޕޫލް 5-4 އިން ބަލިކޮށް އާސެނަލުން، ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު މިރޭ ކާމިޔާބުކޮށްފި އެވެ.
ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓެޓާގެ ކޯޗުކަމުގައި އެފްއޭ ކަޕް ޗެމްޕިއަނުންގެ ގޮތުގައި މިދިޔަ ސީޒަން ނިންމާލި އާސެނަލުން އާ ސީޒަން ވެސް މި ފެށީ ކާމިޔާބަކާ އެކު އެވެ. އަނެއްކޮޅުން މިއީ ލީގު ޗެމްޕިއަން ލިވަޕޫލް މި މެޗުން ޖެހިޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މެންޗެސްޓާ ސިޓީ އަތުން ބަލިވީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ.
ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ އާސެނަލުންނެވެ. މެޗުގެ ކުރީކޮޅު ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބޮލުން ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ރެފްރީ ގަބޫލެއް ނުކުރި އެވެ. އޭގެ ފަހުން އާސެނަލަށް ލީޑު ނަގައިދިނީ 12 ވަނަ މިނެޓުގައި އޯބަމަޔަން އެވެ. ބަކަޔޯ ސަކޯ އަރިމަތިން ފަޅި ބަދަލުކޮށްލައި ދިން ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު ކުޑަކޮށް ކުރިއަށް ޖެހި އޯބަޔަމަން ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލް ބަދަލުތަކެއް ގެނެސް އެޓޭކް ވަރުގަދަކުރި އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖަޕާން މިޑްފީލްޑަރު ޓަކުމީ މިނަމީނޯ އެވެ. މި ލަނޑު ޖެހި ހަމަލާ އުފެއްދިއިރު މުހައްމަދު ސަލާހުގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބެލެވި ވީއޭއާރް އިން ޗެކްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ އަތުގައި ނުޖެހޭ ކަމަށެވެ.
އެއްވަރުވުމުން އިތުރު ވަގުތު ނުކުޅެ ސީދާ ދިޔައީ ޕެނަލްޓީ އަށެވެ. ޝޫޓްއައުޓުގައި ލިވަޕޫލުގެ ފަސް ޕެނަލްޓީގެ ތެރެއިން މުހައްމަދު ސަލާހާއި ފަބީނިއޯ އާއި މިނަމީނޯ އަދި ކުރްޓިސް ޖޯންސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ނާކާމިޔާބުވީ ފަހު މިނެޓުގައި އެރުވި ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ އަތުންނެވެ. އޭނާގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އާސެނަލްގެ ފުރަތަމަ ހަތަރު ޕެނަލްޓީ ރީސް ނެލްސަން އާއި މެއިޓްލެންޑް-ނިލްސް އާއި ސެޑްރިކް ސޯރެސް އަދި ޑޭވިޑް ލުއިސް ކާމިޔާބުކޮށްފައި ވަނިކޮށް ފަހު ޕެނަލްޓީ ޖަހައި ތަށި ޔަގީންކޮށްދިނީ އޯބަމަޔަން އެވެ.
އާސެނަލަށް 110 މެޗުން 71 ގޯލް ޖަހާދީފައިވާ ފޯވާޑް ވަނީ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ކޮޅަށް ދެ ގޯލް ޖަހައިފަ އެވެ. އާސެނަލްގެ މިހާރުގެ އުއްމީދަކީ އޭނާ ކޮންޓްރެކްޓް އާކުރުމެވެ. އެ ފުރުސަތު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމޭ
30 August 2020
މަރުހަބާ އާސެނަލް. މަރުހަބާ މިކެލް. ކުޅުން ރަނގަޅު ކުރަން ޖެހޭ. #ވަންސް އަ ގޫނަރ އޯލްވޭސް އަ ގޫނަރ
ކޯޗް
30 August 2020
ފެށުން ރަނގަޅުވިޔަސް ނިމުން ގޯސްވެދާނެއެވެ. އުފަލަކަށްފަހު ހިތާމައެއް، ހިތާމައަކަށްފަހު އުފަލެއް. މިއީ ދުނިޔޭގެ އާދައެވެ.
ރަދީފްއޮފިޝިއަލް
30 August 2020
މަރުހަބާ އާސެނަލް.ސީޒަން ކާޓެއިން ރެއިޒާ މެޗް ކާމިޔާބްކޮށް ލީގް މެޗްތަކާއި ކުރިމަތިލުން އެއީ ޔަގީނުންވެސް ކުޅުންތެރިންނަށް އިތުބާރު ލިބޭނެކަމެއް.ގުޑް ލަކް ގަނާސް.
ރޯމަން
30 August 2020
ލިވަޕޫލަށް ނޫނީ މާލީ ހާލަތެއް ކުރިމަތި ނުވޭ. ޗެލްސީ އިން އެ ގެނައި ކުޅުންތެރިން ގަތީ ކޯޗަކަށް ބާ?
ރަދީފްއޮފިޝިއަލް
30 August 2020
ޗެލްސީގެ އޯނަރު ހުންނަނީ އެވަގުތަކު ހުންނަ މެނޭޖަރު ބޭނުން އަދަދެއް ހަރަދުކުރަން ތައްޔާރަށް.ޗެލްސީ އެއީ ބަޔަކަށް އެނގޭ ކްލަބަކަށް ހަދާލަދިނީ އަބްރަހަމޮވިޗްކަން އެއީ އެއްވެސް މީހަކު ދެބަސްވާނެކަމެއް ނޫން.
ކޮންޓެ
30 August 2020
އާސެނަލްގެ ކުޅުން ވަރަށް ރަނގަޅު. ޒުވާން ކޯޗުން ކަމަށްވަ އާޓެޓާ އާއި ލަމްޕާޑް އެ ދަނީ ވަރަށް ރަނގަޅު ޓީމުތަކެއް ބިނާކުރަމުން. ޗެލްސީ އާއި އާސެނަލް ލީގަށް ވާދަކުރާނެ މިފަހަރު.
މޯޑް
30 August 2020
މާލީހާލަތު ތަންނުދޭތި މެސީ ގެންދެވޭނި ވަރު ކުލަބެއް ނެތް. މެސީ ބާސާއަށް ކުޅޭކަށް ބޭނުމެއް ނުވޭ. ކުލޮފް ވެެސް އެބުނީ މެސީ ބޭނުން ވިޔަސް ގެނެވޭ ވަރު ބަޖެޓެއް ނެތޭ.
އާރީ
29 August 2020
ފެނަޓީޖައިގެން މޮޅުވުމަކީ ނަސީބު މޮޅު. މޮޅަށް ކުޅުނީ ލިވަރފޫލު. ނަސީބު ދެރައީ މިރޭ. ލީގުގަ ތަފާތު ދަށްކާނެ ކަން ކަށަވަރު
ތުއްތުނާ 1
30 August 2020
ހަޖަމް ކުރަން ދަސްކުރޭ........ ފުރަތަމަވެސް 90 މިނެޓް ކުޅެފައި ދެން ޕެނަލްޓީ ޖެހީ....... މިއީ ފުޓްބޯޅައިގެ ގަވާއިދު...... އަދި ހަނދާން ނެތެން މާގިނަ ދުވަހެއްނުވޭ އެންމެ ފަހުން ލިވަޕޫލް އާއި އާސެނަލް ލީގުގައި ކުޅުނު މެޗުން ވެސް މޮޅުވީ އާސެނަލް......
ކާންޓޭ
30 August 2020
އާސެނަލުގެ ކީ އެތައްކުޅުންތެރިންނެއް ނުލާ ލިވަޕޫލުގެ ފުލް ސްޓްރެންތު ޓީމް ބަލިކުރުމަކީ ހަމަ ތިބުނާހެން ނަސީބު! ލީގުގައި އާސެނަލްގެ ކުޅުން ވަރަށް ތަފާތުވާނެ ގެނައި ކުޅުންތެރިންނާެއެކު.
އޭނަ މީނަ
30 August 2020
ހަޖަމްކުރަން ދަސްކުރަން އެދެން. ފުޓްބޯޅައިގައި ނަސީބުވެސް އެހީވާނެ. ކޮންމެ ބޮޑު މުބާރާތެއް ޓީމެއް ކާމިޔާބުކުރަނީ ނަސީބު އެހީވެގެން. މިކަން ޤަބޫލުކުރަންޖެހޭ.
ޕޮކަޑިމޭން
31 August 2020
ލިވަޕޫލްގެ ޒަމާން ނިމިއްޖެ