ބާސެލޯނާގެ ޕްރެކްޓިހަށް މެސީ ހާޒިރެއްނުވި

ބާސެލޯނާ (އޮގަސްޓް 30) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާނުކޮށްފައިވާ އެ ޓީމުގެ ތަރި ލިއޮނަލް މެސީ، މިއަދު ފެށި އެ ކްލަބުގެ ޕްރީ ސީޒަނުގެ ފުރަތަމަ ހަރަކާތުގައި ބައިވެރިނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ޕްރެކްޓިސް ފަށަން ނިންމާފައިވަނީ މާދަމާ އެވެ. އެކަމަކު ސްޕެނިޝް ލީގުގެ ޕްރޮޓޮކޯލްއާ އެއްގޮތަށް ޕްރެކްޓިސް ފެށުމުގެ އެއް ދުވަސް ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ. މިއަދު ބާސެލޯނާގެ ކޮވިޑް-19 ޓެސްޓްތަކުގައި މެސީ ބައިވެރިނުވާ ކަމަށް ސްޕެއިނުގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މެސީ ދޫކޮށްލަން އެ ޓީމުން ބޭނުންނުވާ ކަމަށް ދާދި ފަހުން ހަމަޖެއްސި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސް ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ. އަދި އޭނާ ބުނީ ޓީމުގެ ޕްރެކްޓިސް ފަށާނީ މެސީ ހުރެގެން ކަމަށެވެ. އެކަމަކު މިއަދު ޕްރެކްޓިސް ފެށުމުގެ ކުރިން ކުރާ ޓެސްޓްތަކުގައި ބައިވެރިނުވަން މެސީ ނިންމުމާ އެކު އޭނާ ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ބާސެލޯނާގެ ޒުވާން ސަޕޯޓަރެއް އެ ކްލަބްގެ ޓްރެއިނިން ސެންޓަރު ބޭރުގައި މެސީގެ އިންތިޒާރުގައި. -- ފޮޓޯ: އޭއެފްޕީ

ކޮވިޑް-19 ޓެސްޓް ހަދަން ބާސެލޯނާ ކުޅުންތެރިން ޓްރެއިނިން ސެންޓަރަށް އައިއިރު، ބާސެލޯނާގެ ޒުވާން ސަޕޯޓަރެއް މެސީގެ ޖޯޒީ ލައިގެން އެ ތަނުގައި ހުއްޓެވެ. ސްޕެއިނުގެ ގިނަ މީޑިއާތަކުގެ ލޯ އެ ކުއްޖާ އަށް އަމާޒުވިއިރު ގިނަ އިރުތަކެއް ވަންދެން މެސީ އާދޭތޯ އޭނާ އެ ތާގައި ހުރި ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އުމުރުން 33 އަހަރުގެ މެސީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ޓީމަށް އެންގީ ހިލޭ (އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި) އެހެން ކްލަބަކަށް ބަދަލުވުމަށެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ.

މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ އަށް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލެވޭނެކަން އަންގައިދިނުމަށް އޭނާ އަށް ގާނޫނީ ލަފާދިން ބާސެލޯނާގެ ލޯ ފާމާ އެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް ވަނީ އިއްޔެގެ ވަގުތެއްގައި އުވާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީގެ ފަރާތުން އޭނާގެ ގާނޫނީ ޓީމުން އަންނަނީ ކޯޓަށް ހުށަހަޅައިގެން ކްލަބް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މެސީ ގުޅުމުގެ ފުރުސަތު އެންމެ ބޮޑީ ސިޓީއާ އެވެ. ދެން އެންމެ ބޮޑީ އިންޓަ މިލާނާ ގުޅުމުގެ ފުރުސަތެވެ. އަދި ތިން ވަނަ އަށް އެންމެ ފުރުސަތު ބޮޑީ ބާސެލޯނާގައި މަޑުކުރުމެވެ. އޭނާ ގަތުމުގެ ރޭހުން ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ ވަނީ ބޭރުވެފަ އެވެ. ޗެލްސީން އަދި ރަސްމީކޮށް ބިޑެއް ނުކުރެ އެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސް އިން އިއްޔެ މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީއާ ވާހަކަދައްކާފައިވާ ކަމަށްވެ އެވެ. އެހެންވެ ރޮނާލްޑޯ އާއި މެސީ އެއް ޓީމަކުން ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.