03 ސެޕްޓެމްބަރ 2020 - 09:21
ބާސެލޯނާ (ސެޕްޓެމްބަރު 3) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިއޮނަލް މެސީ އެހެން ކްލަބަކަށް ދޫކޮށްލަން ކިޔާ އަގު 100 މިިލިއަން ޔޫރޯ އަށް ކުޑަކުރަން ބާސެލޯނާ އިން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން މެސީ ވަނީ އެދިފަ އެވެ. އެކަމަކު މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ސްޕެނިޝް ލީގާއި ބާސެލޯނާ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ. މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.
މެސީ ބޭނުންވިޔަސް އޭނާ ހިލޭ ދޫކޮށްލަން ބާސެލޯނާ އިން ބޭނުމެއް ނުވެ އެވެ. މެސީގެ ބައްޕަ އަދި އޭޖެންޓް ޖޯޖް މެސީއާ އެކީ އިއްޔެ ބާސެލޯނާ އިން ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ މެސީ އަށް ކްލަބް ދޫކޮށްލެވޭނެ އެހެން ގޮތްތަކެއް މަޝްވަރާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭގެއިން ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ފެންނަނީ 100 މިލިއަން ޔޫރޯ އަށް މެސީ އަގު ކަނޑައެޅުމެވެ. އެކަމަކު މި ނިންމުމާ ބާސެލޯނާގެ ބޯޑު މެމްބަރުންގެ ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އެއީ މެސީ ނެތްތަނަށް އެހެން ކުޅުންތެރިއަކު ހޯދާނަމަ އެ އަގުގައި ނުލިބިދާނެތީވެ އެވެ. ދެން ބާސެލޯނާ އިން ހުށަހަޅަނީ މިހާރު ދޭ މުސާރަ ބޮޑުކޮށް އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާ ކުރުމަށެވެ.
މެސީގެ ބައްޕަ، ޖޯޖް މެސީ (ކ) ސްޕެއިނުގެ ނޫސްތަކަށް އިއްޔެ އިންޓަވިއުދެނީ.-- ފޮޓޯ: އޭއެފްޕީ
ކްލަބް ބަދަލުކުރަން މެސީ ކުރާ މަސައްކަތުގައި ބާސެލޯނާއާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ މެސީގެ ގާނޫނީ ޓީމުގެ ފަރާތުން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅަން ތައްޔާރުވާ ކަމަށް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޖޯޖް މެސީ އިއްޔެ ސްޕެއިނުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ މެސީ ބާސެލޯނާގައި މަޑުކުރުން ދެން ވާނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށާއި މީގެ ދެ ފަރާތަށް ރަނގަޅު ހައްލެއް ހޯދުން މުހިއްމު ކަމަށެވެ. މެސީ ވަނީ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެ ކްލަބާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކޮށްފައިކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ޖޯޖް މެސީ ބުނީ މެސީގެ ޓްރާންސްފާއާ ގުޅޭގޮތުން އެހެން ކްލަބަކާ ވާހަކަ ނުދައްކާ ކަމަށެވެ.
މި މަހު 12 ވަނަ ދުވަހު ސްޕެނިޝް ލީގުގެ އާ ސީޒަން ފަށަން ނިންމާފައިވާއިރު، ބާސެލޯނާ އިން މިހާރު ވަނީ އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ޕްރީ ސީޒަން ޕްރެކްޓިސްތައް ފަށައިފަ އެވެ. އެކަމަކު މެސީ ޕްރެކްޓިހުގައި ބައިވެރިއެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަލީ
03 September 2020
އަދިވެސް ކުޑަ ކުރޭ! 35 މިލިއަނަށް ުރެ ބޮޑުކޮށް ނެތްދެވޭކަށް! މިވިންޑޯގަ ނުވިއްކިއްޔާ މިއަންނަ ވިންޑޯގަ ހިލޭ ދާނީ!
ސަމަރޭ
03 September 2020
އަހަންނަކީ މެސީ ސަޕޯޓަރެއް އަހަރެން ސަޕޯޓްކުރާނީ މެސީ ކުޅޭ ކްލަބަކައް އެހެޔޮ އޮއިލް އެފްސީއެއްނޫން ގަޅިތެޔޮ އެފްސީއައްވިޔަސް...
ރަދީފްއޮފިޝިއަލް
03 September 2020
ވެލްކަމް ޓު އޮއިލް އެފްސީ.
ހިތަށް ތަދުވޭދޯ
03 September 2020
މެސީ ނެތުމަކީ ލަލީގާއަށް ލިބޭ ދެރައެއް
ގާކޮށި ހުސޭނުނު
03 September 2020
ސާބަހެ މެސީ އެހެއްކުލަބެއްގާވެސް މެސީގެ މޮޅު ކުޅުން ފެނުމަކީ ސަޕޯޓަރުންގެ އުންމީދެއް ބާސާގެ ސަޕޯޓަރުންނަށްވުރެ މެސީއަށް ސަޕޯޓް ކުރާ ސަޕޯޓަރުން ގިނަ