އިނާމު ފައިސާ އުނިކޮށް ޖޮކޮވިޗްގެ މައްސަލަ ބަލަނީ

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ޔޫއެސް އޯޕަންގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ޖަޖެއްގައި ބޯޅައިން ޖެހިކަމަށް ބަލައި އިނާމް ފައިސާއެއް ނުލިބޭގޮތަށް މުބާރާތުން ވަކިކުރިއިރު، އޭނާގެ މައްސަލަ އެސޯސިއޭޝަން ފޯ ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ވެސް ބަލަން ފަށައިފި އެވެ.


ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުގައި ފުރަތަމަ ސެޓުގައި ސްޕެއިނުގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް 5-6 އިން ފަހަތުގައި އޮއްވައި ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް ޖީބުން ބޯޅަ ނެގުމަށް ފަހު އޭނާ ބޭރަށް ފޮނުވާލި ބޯޅަ އަމާޒުވީ އަންހެން ލައިން ޖަޖެއްގެ ކަރަށެވެ. ގިނައިރުތަކެއް ވަންދެން އަމްޕަޔަރުން (ރެފްރީން) މައްސަލައިގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ އުމުރުން 33 އަހަރުގެ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރުމަށެވެ.

ސާބިއާ އަށް އުފަން ޖޮކޮވިޗް މުބާރާތުން ވަކިކުރަން ނިންމިއިރު، އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ވަނީ މި މުބާރާތުން އޭނާ އަށް ލިބުނު ރޭންކިން ޕޮއިންޓްތަކުގެ އިތުރުން އިނާމް ފައިސާ ވެސް އުނިކޮށްފަ އެވެ. އެ ގޮތުން އިނާމް ފައިސާގެ ގޮތުގައި ޖޮކޮވިޗަށް ލިބެންޖެހޭ 250،000 ޑޮލަރު ވަނީ އުނިކޮށްފަ އެވެ. މީގެ އިތުރުން އަދަބެއްގެ ގޮތުގައި ޖޮކޮވިޗް ވަނީ 20،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރިނަމަ އޭނާ އަށް ތިން މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ރަނަރަޕަށް ދިޔަ ނަމަ 1.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.

މި މައްސަލައިގައި ޖޮކޮވިޗަށް އިތުރު އަދަބެއް ދޭން ޖެހޭތޯ ބެލުމަށް އޭޓީޕީ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނަކަމަށް ވަނީ މީޑިއާ އަށް މައުލޫމާތު ލިބިފަ އެވެ. އޭޓީޕީގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ޖޮކޮވިޗް މައްސަލައިގައި އޭޓީޕީން ކުރިއަށްދާނެ ގޮތެއް ވަރަށް އަވަހަށް ރަސްމީކޮށް އާންމުކުރާނެ ކަމަށެވެ. ޖޮކޮވިޗް ވަނީ އޭނާ އަށް ކުރެވުނު ކުށަށް މާފަށް އެދިފަ އެވެ.

ޖޮކޮވިޗްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އެ މެޗުގެ ލައިން ޖަޖާ ދިމާކުރަމުންނެވެ. އެކަން ހުއްޓުވުމުގެ ގޮތުން ޖޮކޮވިޗް ވަނީ ލައިން ޖަޖާ ދިމާނުކުރަން އެދިފަ އެވެ. ޖޮކޮވިޗްގެ ސަޕޯޓަރުން ބުނަނީ މައްސަލަ ބޮޑަށް ގޯސްކުރީ ލައިން ޖަޖް މާ ބޮޑަށް ތަދުވި ކަމަށް ހަދައިގެން އުޅުމުން ކަމަށެވެ.

އޭޓީޕީން ޖޮކޮވިޗްގެ މައްސަލައިގައި މާ ބޮޑަށް ނޫޅޭތީ ބައެއް ޓެނިސް ކުޅުންތެރިން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އުޅެނީ އޮސްޓްރޭލިއާގެ ކުޅުންތެރިޔާ ނިކް ކިރްގިއޯސް އެވެ. އޭނާ ވަނީ ޖޮކޮވިޗަށް އަންނަން ޖެހޭނީ ކިތައް އަހަރުގެ ސަސްޕެންޝަނެއްތޯ ބެލުމަށް ޓްވިޓާގައި ވޯޓިން ޕޯލް އެއް ފަށައިފަ އެވެ. އެ ޕޯލްގައި ހިމަނާފައިވަނީ ފަސް އަހަރާއި 10 އަހަރާއި 20 އަހަރު ތެރޭން ޖޮކޮވިޗަށް ދޭން ފެންނަ ސަސްޕެންޝަނެއް އިހުތިޔާރުކުރުމަށެވެ. ގިނަ މީހުން ވޯޓު ލާފައިވަނީ 20 އަހަރުގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް ބުނެ އެވެ.