ލެންސްގެ ކަކޫޓާ (ވ) ޕީއެސްޖީގެ ވެރާޓީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2020 - 10:38
ލެންސް (ސެޕްޓެމްބަރު 11) - ފްރެންޗް ލީގުގެ އާ ސީޒަނުގައި އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓްވި ލެންސް އަތުން 1-0 އިން ބަލިވެއްޖެ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޕީއެސްޖީ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން އެ ޓީމުގެ ހަތް ކުޅުންތެރިއަކު މި ވަގުތު ޓީމާ ދުރުގައި ތިބުމެވެ. އެ ހަތް ކުޅުންތެރިންގެ ތެރޭގައި ކީލިއަން އެމްބާޕޭ، ނޭމާ، ޑިމާރިއާ، މާކުއީނިއޯސް އަދި ލެއަންޑްރޯ ޕަރޭޑޭސް ހިމެނެ އެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިން ޕޮޒިޓިވްވީ ސްޕެއިނުގެ އިބީޒާގައި ޕާޓީ ކުރުމުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ކުޅުނީ އެ ޓީމުގެ ތިން ވަނަ ކީޕަރު އުމުރުން 20 އަހަރުގެ މާސިން ބަލްކާ ގޯލުގައި ބަހައްޓައިގެންނެވެ. މެޗުގައި ލެންސް އިން ޖެހި ހަމައެކަނި ގޯލަކީ ބަލްކާ އަށް ހެދުނު ގޯހަކުން ވަން ގޯލެކެވެ. މި ލަނޑު މެޗުގެ 57 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިގްނާޝިއަސް ގަނާގޯ އެވެ.
ފަސްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ޕީއެސްޖީ އަށް ވެސް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި މާކޯ ވެރާޓީ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮލީން ޑަގްބާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ ލީގުގައި ބަލިވީ ތިން މެޗުންނެވެ. މި ފަހަރުގެ ސީޒަން ބައްޔަކުން ފަށަން ޖެހުމަކީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.
"ބަލިވުމުން ހިތްހަމަނުޖެހޭ. އެކަމަކު ހަގީގަތަކީ އަހަރެމެންގެ ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކުޅުނީ. އެ ކުޅުންތެރިންނާ އެކު ތަފާތު ދެއްކޭނެ،" ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ލީގުގައި ދެން ޕީއެސްޖީ ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ މާސޭއާ އެވެ. އަމިއްލަ ދަނޑުގައި ކުޅޭ މި މެޗުގައި ޕީއެސްޖީގެ ބައެއް ތަރިންނަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިރަށުއައްމަޑޭ1257
11 September 2020
ބަލި ވާނީ ބައްޔަށް. 1 -0 ވިޔަސް 8-2 ވިޔަސް