13 ސެޕްޓެމްބަރ 2020 - 12:32
މެންޗެސްޓާ (ސެޕްޓެމްބަރު 13) - ގްރީސްގެ ޓޫރިސްޓް މަންޒިލް މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގެ މައްސަލައިގައި އޭނާ އަށް ހުކުމެއް އައިސްފައިވީ ނަމަވެސް ހެރީ މެގުއާ އަތުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ބޭންޑް ނުނަގަން އެ ކްލަބުން ނިންމައިފި އެވެ.
އުމުރުން 27 އަހަރުގެ މެގުއާގެ މައްސަލަ ސީރޯސް ކޯޓުން ބެލިއިރު، އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެ އެވެ. މި މައްސަަލަ ބެލި ފަނޑިޔާރު ވަނީ މެގުއާ އަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮށްފަ އެވެ. އެހެންވެ ހުކުމް ތަންފީޒްކުރާނީ އިތުރު ކުށެއްކޮށްފި ނަމަ އެވެ. މެގުއާ ވަނީ މި މައްސަލަ އެޕީލްކޮށްފަ އެވެ. އޭނާ ބޭނުންވަނީ ކުށުގެ ރެކޯޑް ސާފުވާ ގޮތަށް މައްސަލަ ނިންމުމަށެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މިދިޔަ އަހަރު ޔުނައިޓެޑަށް ސޮއިކުރި މެގުއާގެ މި މައްސަލައާ ގުޅިގެން އޭނާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނަގަން ޖެހޭ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ވަނީ ގޮވާލައިފަ އެވެ.
އިއްޔެ ޔުނައިޓެޑް ކުޅުނު ޕްރީ ސީޒަން މެޗުގައި ރަށުން ބޭރުގައި 1-0 އިން އެސްޓަން ވިލާ އަތުން ބަލިވިއިރު، އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އެ މެޗުގައި ކުޅުނީ މެގުއާ އެވެ. ޔުނައިޓެޑްގެ ޓީވީ އަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ދިން އިންޓަވިއުއެއްގައި ބުނީ މެގުއާ އަތުން ކެޕްޓަން ބޭންޑް ނުނަގަން ނިންމީ ގިނަ ސަބަބުތަކަށް ބެލުމަށް ފަހު ކަމަށެވެ.
"އެ މައްސަލައިގައި އޭނަ (މެގުއާ) އަމަލު އެކުރަނީ ވަރަށް ޕްރޮފެޝަނަލްކޮށް. އަހަރެން މިހުރީ އޭނަ އަށް އެހީވާން ތައްޔާރަށް. އޭނަ އަދިވެސް ހުންނާނީ ޔުނައިޓެޑްގެ ކެޕްޓަންގެ ގޮތުގައި. އޭނަގެ އެ މައްސަލައިގައި ގޮތެއް ނިންމާނީ ގާނޫނީ މީހުން. މެގުއާ އެ މައްސަލައިގައި އަމަލުކޮށްފައިވަނީ އާއިލާ އާއި ގާތް މީހުންގެ ރައްކާތެރިކަމަށްޓަކައި،" ސޯލްޝެއާ ބުންޏެވެ.
ލެސްޓާ ސިޓީ ދޫކޮށް 102 މިލިއަން ޑޮލަރަށް ޔުނައިޓެޑަށް ބަދަލުވި މެގުއާ އަށް ޔުނައިޓެޑްގެ ކެޕްޓަންކަން ދިނީ އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެސް ޔުނައިޓެޑްގެ ކެޕްޓަނަކަށްވާން ބޭނުންވާ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކާފައިވަނިކޮށެވެ.
ގްރީސްގައި ހިނގި މެގުއާގެ ހާދިސާ އަށް ފަހު އިންގްލެންޑް ގައުމީ ޓީމުން އޭނާ ވަނީ ބާކީކޮށްފަ އެވެ. އިންގްލެންޑްގެ ކޯޗު ގެރީ ސައުތުގޭޓް ބުނީ އަންނަ މަހަށް ތާވަލުކޮށްފައިވާ ނޭޝަންސް ލީގުގެ މެޗުތަކުން މެގުއާ އަށް ފުރުސަތު ދިނުމާ މެދު އެފްއޭއާ މަޝްވަރާކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy