އެތެންސް (އޮގަސްޓް 26) – ގްރީކުގެ ޓޫރިސްޓް މަންޒިލް މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގައި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ކެޕްޓަން ހެރީ މެގުއާއާ ދެކޮޅަށް ކުރި ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި އެވެ.
މި މައްސަލަ ސީރޯސް ކޯޓުން ބެލިއިރު، މެގުއާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެ އެވެ. މި މައްސަަލަ ބެލި ފަނޑިޔާރު ވަނީ މެގުއާ އަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮށްފަ އެވެ. އެހެންވެ ހުކުމް ތަންފީޒްކުރާނީ އިތުރު ކުށެއްކޮށްފި ނަމަ އެވެ. ފުލުހުންނަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ ޖޯ އާއި ޝަރަމަން އަށް ވަނީ 13 މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. މެގުއާ އާއި ޖޯ އަދި ޝަރްމަން ވަނީ މި މައްސަލަ އެޕީލްކުރަން ނިންމައިފަ އެވެ.
މެގުއާ އާއި އޭނާގެ ބޭބެ ޖޯ މެގުއާ އަދި ކްރިސްޓޮފާ ޝަރްމަން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރީ ބާ އެއްގެ ބޭރުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ދިޔަ ފުލުހުންގެ ބަޔަކަށް ހަމަލާ ދިނުމުންނެވެ. އެހެން އިނގިރޭސި ގްރޫޕަކާ މެގުއާ އާއި ޖޯ އަދި ޝަރްމަން މާރާމާރީ ހިންގުމުގެ ތެރޭގައި ގިނަ ކަންތައްތައް ހިނގާދިޔައިރު އެކަން ހުއްޓުވަން ދިޔަ ފުލުހުންނާ ވެސް ވަނީ ކުރިމަތިލުމުން އެ ތިން މީހުން ވަނީ އެ ރޭ ޖަލަށް ލައިފަ އެވެ. އެނބުރި އިންގްލެންޑަށް އައި ދެ ރޭ ޖަލުގައި ހޭދަކޮށްފަ އެވެ.
ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު ބާ އަށް ދިޔަ ފުލުހުން ވަނީ ހާއްސަކޮށް މެގުއާއާ ދެކޮޅަށް ގިނަ ހެކި ހުށަހަޅައިފަ އެވެ. އެއް ފުލުހަކު ވަނީ މެގުއާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އޭނާ ދެއްކި ވާހަކަތައް ކޯޓުގައި ކިޔައިދީފަ އެވެ. އެ ގޮތުން މެގުއާ ވަނީ އޭނާ އަކީ ކާކުކަން ނޭނގެނީތޯ ފުލުހުން ގާތުގައި އަހައިފަ އެވެ. އަދި އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ކަމަށާއި އޭނާ އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުރި ކަމަށާއި މައްސަލަ ނުޖައްސައި ދޫކޮށްލާނަމަ ބޭނުންވަރަކަށް ފައިސާ ދޭން ތައްޔާރަށް ހުރި ކަމަށް މެގުއާ ބުނެފައިވާކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
މެގުއާގެ ވަކީލު ވަނީ މި ހުރިހާ ވާހަކަތަކަށް ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ މައްސަލަ ގޯސްވީ ބާ ތެރޭގައި ތިބި ބަޔަކު މެގުއާގެ ކޮއްކޮއާ ދިމާކޮށް އޭނާ އަށް އަނިޔާކުރުމުން ކަމަށެވެ. އަދި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ގަސްދުގައި މެގުއާގެ ފަޔަށް އަނިޔާކޮށްފައި ކަމަށް ވަކީލު ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފު އަމަލުތަކެއްކަން މެގުއާގެ ވަކީލު ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ފުލުހަކު ވަނީ މެގުއާ އަށް ދެން ފުޓްބޯޅަ ނުކުޅެވޭ ވަރު ކުރާނެ ކަމަށް ބުނެ އޭނާ ފައިގައި ވަރަށް ގިނައިން ޖަހާފައި ކަމަށް ވަކީލު ބުނެ އެވެ.
މި މައްސަލައިގައި މެގުއާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ދެން ކުރިއަށްދާނީ އޭނާގެ ގާނޫނީ ޓީމުން ކަމަށް މެގުއާ ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މީގެ އަހަރެއްކުރިން ގަތް މެގުއާގެ ދިފާއުގައި އޭނާގެ ކްލަބް ޔުނައިޓެޑުން ވަނީ ބަޔާނެއް ނެރެފަ އެވެ. ޔުނައިޓެޑުން ބުނީ މެގުއާއާ އެކު މި މައްސަލައިގައި އެ ކްލަބް ހުރިކަމަށާއި އުއްމީދުކުރަނީ އިންސާފުވެރި ގޮތަކަށް މި މައްސަލައިގެ ކަންތައްތައް ނިމިގެންދިއުން ކަމަށެވެ.
ބޮޑު މައްސަލައެއްގެ ތެރޭގައި މެގުއާ ތާށިވެފައި ހުރި ނަމަވެސް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އަންނަ މަހުގެ ކުރީކޮޅުގައި އޮތް ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗަށް ނެގި އިނގިރޭސި ގައުމީ ސްކޮޑުގައި މެގުއާ ހިމަނައިފަ އެވެ. އެކަމަކު ގްރީސް ކޯޓުން މެގުއާ އަށް ހުކުމްކުރުމާ އެކު އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ޕްރޮޓޮކޯލްއާ އެއްގޮތަށް މެގުއާ ވަނީ ޓީމުން ބާކީކޮށްފަ އެވެ.