ލަންޑަން (ނޮވެމްބަރު 5) - މެންޗެސްތާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް އަތުން ވިދިވިދިގެން ވީ ބައްޔަށް ފަހު، މެންޗެސްޓާ ޔުނައިޓެޑުން ރޭ ޕްރިމިއާ ލީގުގައި 1-0 އިން ފުލަމްގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު ޑިފެންޑަރު ހެރީ މެގުއާ އަށް ކޯޗު އެރިކް ޓެން ހަގް ތައުރީފު ކޮށްފި އެވެ.
"ހެރީ މެގުއާ ވަނީ ޑިފެންސުގައި މޮޅު ކުޅުމެއް ދައްކާފައި. ވަރުގަދަ ލީޑާޝިޕެއް ފެނުނު. އެކަމަކު މިއީ މުޅި ޓީމުގެ މަސައްކަތް، މެޗުގެ ހުރިހާ ވަގުތެއްގައި ވެސް އެންމެން ވަރަށް މަސައްކަތް ކުރި. މިކަން ކޮންމެ މެޗެއްގައި ދައްކަން ޖެހޭ. މިއަދުގެ މެޗުން ކުރިއެރުމެއް ފެނުނު، އެކަން ދަމަހައްޓަން ޖެހޭ،" މެޗަށް ފަހު ޓެން ހަގް ބުންޏެވެ.
މެގުއާގެ ބޮލަށް އަނިޔާއެއް ވި ނަމަވެސް އޭނާ ވަނީ މެޗު ފުރިހަމަ ކޮށްފަ އެވެ. އަދި އެއަށް ފަހު ދެ ފަހަރެއްގެ މަތިން އޭނާއަށް ފަރުވާ ދީފައި ވެސް ވެއެވެ.
މެޗުގެ އަށްވަނަ މިނިޓުގައި ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް ގޯލެއް ޖަހައިދިން ނަމަވެސް، ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު ރެފްރީ ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ފުލަމް އާ ދެކޮޅަށް ގިނަބަޔަކު އުންމީދު ކުރި ވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް ޔުނައިޓެޑް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. މިއީ ސެޕްޓެމްބަރު މަހު ބާންލީ ބަލިކުރަން ފެނާންޑޭޒް ޖެހި ގޯލަށް ފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ފެނާންޑޭޒް އަކީ ހާލަތަށް ވިސްނައި އެންމެ މޮޅަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ޓެން ހަގް ފާހަގަ ކުރި އެވެ.
"ކުޅުންތެރިން ޖެހޭ ވިސްނަން. މިއީ [މޮޅުވުމަކީ] އެންމެ ރަނގަޅު ޖަވާބަކީ. އަބަދުވެސް އެންމެ ރަނގަޅު ވަގުތަށް ސަމާލުވާން ޖެހޭނެ، އެއީ މޮޅު ކުޅުންތެރިންގެ ގޮތަކީ. ބްރޫނޯ ފެނާންޑޭޒް އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެއް. އޭނާ ކޮންމެ މެޗެއްގައި އެކަން ތަކުރާރުކުރަން އެންމެން ބޭނުންވޭ،" ފެނާންޑޭޒްއާ ގުޅޭގޮތުން ޓެން ހަގް ބުންޏެވެ.
މި މޮޅާ އެކު ޔުނައިޓެޑް އޮތީ 11 މެޗުން 18 ޕޮއިންޓް ހޯދައިގެން ލީގުގެ އަށްވަނައިގަ އެވެ. ރަށުން ބޭރުގައި އެވަޓަންއާ 1-1 އިން އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދި ބްރައިޓަން އަށް ވެސް 18 ޕޮއިންތް ލިބިފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ބްރައިޓަން އޮތީ ހަތްވަނައިގަ އެވެ.
ޔުނައިޓެޑްގެ ފަހަރުގައި ލީގުގެ ނުވަވަނައިގައި އޮތީ ފަހަތުން އަރައި 3-2 އިން އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިތެޑް ބަލިކޮށްގެން 16 ޕޮއިންޓް ހޯދާފައިވާ ބްރެންޓްފޯޑެވެ. ކްރިސްޓަލް ޕެލަސް ވަނީ 2-0 އިން ބާންލީ ބަލިކޮށް 15 ޕޮއިންޓާ އެކު 10 ވަނައަށް ޖެހިލައިފަ އެވެ. މިއާ އެކު 14 ޕޮއިންޓާ އެކު އޮތް ވެސްޓް ހޭމް ވަނީ 11 ވަނައަށް ވެއްޓިފަ އެވެ.
ޝެފީލްޑް ޔުނައިޓެޑް ވަނީ ރޭ އަމިއްލަ ދަނޑުގައި މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ގޯލު ޖަހައިގެން 2-1 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދައި، ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ޝެފީލްޑެވެ. ކެމެރޮން އާޗާ 72 ވަނަ މިނިޓުގައި ޝެފީލްޑަށް ލީޑު ނަގައިދީފައި ވަނިކޮށް 89 ވަނަ މިނިޓުގައި ވުލްވްސް އިން އެއްވަރުކުރީ ޖިއާން ރިންޗާ ބެލެގްރޭޑް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ޓީމު މޮޅުވި ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ އޮލިވާ ނޯވުޑް އެވެ. މިއީ ފަބިއޯ ސިލްވާ، ޝެފީލްޑްގެ ޖޯޖް ބާލްޑޮކް އަށް ފައުލް ކޮށްގެން ވީއޭއާރުގެ އެހީގައި ދިން ޕެނަލްޓީއެކެވެ.ަ