މެންޗެސްޓާ (ޖުލައި 29) - ދުނިޔޭގެ ރެކޯޑް ޑިފެންޑަރުގެ ގޮތުގައި 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ހެރީ މެގުއާ ގަންނަން ވެސްޓް ހޭމް ޔުނައިޓެޑުން 25 މިލިއަން ޑޮލަރު ހުށަހެޅުމުން ޔުނައިޓެޑުން ނޫނެކޭ ބުނެފި އެވެ.

ލެސްޓާ ސިޓީއިން ފާހަގަކުރެވުނު މެގުއާ، 30، ޔުނައިޓެޑަށް ގެނައީ 100 މިލިއަން ޑޮލަރަށެވެ. އެކަމަކު ބޮޑު އަގުގައި ގެނައި މެގުއާ އަށް ޔުނައިޓެޑްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަން ކަމުން މެގުއާ ވަކިކޮށް މިހާރު އެ ޒިންމާ ހަވާލުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭސްއާ އެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ ރަނގަޅު ހުށަހެޅުމަކާ އެކު މެގުއާ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ވެސްޓް ހޭމް އިން އިން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި 128 މިލިއަން ޑޮލަރަށް ޑެކްލަން ރައިސް އާސެނަލް އަށް ވިއްކާލާފަ އެވެ. އެ ފައިސާ އިން ވެސްޓް ހޭމް އިން އަންނަނީ ކްލަބް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މެގުއާ އަކީ ކޯޗު ޑޭވިޑް މޯޔެސް ފާރަލާ ކުޅުންތެރިއެކެވެ.

މެގުއާ އަށް ޔުނައިޓެޑްގައި ހަފްތާއަކު 256 ލައްކަ ޑޮލަރު ލިބެ އެވެ. ވެސްޓް ހޭމްގައި މިވަގުތު ތިބި އެއްވެސް ކުޅުންތެރިއަކަށް ހަފްތާއަކު އެ އަދަދަށް ފައިސާ ނުލިބެ އެވެ.

ކެޕްޓަން ކަމުން ވަކިކުރިޔަސް މެގުއާ ހުރީ އޭނާގެ ކުޅުން ސާބިތުކޮށްދީ ޔުނައިޓެޑުން ފުރުސަތު ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު ޓެން ހަގްގެ ޕްލޭންގައި މެގުއާ ނުހިމެނެ އެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ 62 މެޗުގެ ތެރެއިން މެގުއާ ކުޅުނީ 31 މެޗުގަ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އަށް މެޗުގަ އެވެ.

މެގުއާގެ ބަދަލުގައި ޔުނައިޓެޑްގެ ޑިފެންސް ބަލަހައްޓަނީ ލިސަންޑްރޯ މާޓިނޭޒް އާއި ރަފައެލް ވަރާން އެވެ. ތިން ވަނަ ޑިފެންޑަރެއްގެ ގޮތުގައި ޓެން ހަގް ބޭނުންކުރަނީ ވިކްޓަ ލިންޑެލޯފް އެވެ.

ޔުނައިޓެޑާ އެކު މެގުއާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަަހަރު އެވެ.

ޔުނައިޓެޑުން މެގުއާ ވިއްކާލާނީ ބޮޑު އަގެއް ހުށަހެޅުމުންނެވެ. އަންނަ ސީޒަނަށް އެޓީމުން ބޭނުންވާ ކުޅުންތެރިން ހޯދުމަށް މިހާރު ތިބި ކުޅުންތެރިން ވިއްކައިގެން އާމްދަނީ ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން މިހާރު ގެންނަން މަސައްކަތްކުރަނީ މޮރޮކޯ އާއި ފިއޮރެންޓީނާގެ މިޑްފީލްޑަރު ސޮފްޔަން އަމްރަބާޓް އާއި އެޓަލާންޓާ އަށް ކުޅޭ ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލެންޑް އެވެ. އެ ކުޅުންތެރިން ގެނެވޭނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) އާއި ހިލާފުނުވާ ގޮތަށެވެ. އެހެންވެ ކުޅުންތެރިން ވިއްކައިގެން ޔުނައިޓެޑުން އާމްދަނީ އިތުރުކުރާނެ އެވެ.