ލަންޑަން (މާޗް 29) - މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އަކީ އެންމެ މަތީ ފަންތީގައި އަދިވެސް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށް، އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް މިހެން ބުނީ ކުލަބުގައި މެގުއާ ދައްކާ ކުޅުމާ މެދު އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ދެކޭ ގޮތުގައި މިހާތަނަށް ގައުމީ ޓީމަށް 41 މެޗު ކުޅެފައިވާ މެގުއާ އަކީ އޭނާގެ ޑިފެންސްގައި އަދިވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ކުލަބް ލެވެލްގައި މިހާރު ދައްކާ ކުޅުމާ އެކު ގައުމީ ޓީމުގެ ޖާގަ އަބަދު ޔަގީން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އޭނާ ވަނީ ވޯލްޑް ކަޕް ސެމީ ފައިނަލަށާއި ޔޫރޯ ފައިނަލަށް ވެސް އަހަރެމެންން ގެންގޮސްދީފައި، އެހެންވެ އެއްވެސް ޝައްކެއް ނެތް އޭނާއަކީ އެންމެ މަތީ ފަންތީގައި ޕާފޯމް ކުރެވޭނެ ކުޅުންތެރިއެއް،" ރަހުމަތްތެރިކަމުގެ މެޗަކަށް މިރޭ އިންގްލެންޑުން އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުތުމުގެ ކުރިން ސައުތުގޭޓް ބުންޏެވެ.

"މެގުއާ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ކުލަަބު އޮތީ އުނދަގޫ ހާލަތެއްގައި. އޭގެ ބައިވަރު ސަބަބުތައް ހުރެދާނެ. އޭގެ މާނައަކީ ދެ އަހަރު ވަންދެން ރަނގަޅަށް ޕާފޯމް ނުކުރެވިދާނެއެކޭ ނޫން. ވެދާނެ އެ މަގާމަށް އޮންނަ ވާދަވެރިކަން ކުޑަވީމަަ ކަމަށް ވެސް،" ސައުތުގޭޓް ބުންޏެވެ.

އޭނާ ބުނީ، ގައުމީ ޓީމު ސިލެކްޝަން އަބަދުވެސް އުނދަގޫ ކަމަށާއި، ގައުމީ ޓީމަށް މޮޅަށް ކުޅޭ ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިން ކުލަބުގައި ދައްކާ ކުޅުމަކީ ވެސް ގައުމީ ޓީމަށް ނެގުމުގައި ބަލަން ޖެހޭ ފެކްޓާ އެއް ކަމަށެވެ. އަދި ފޯމު ދަށްވެފައި ތިބި ބައެއް ފޯވާޑުން މި ފަހަރު ޓީމުން ބާކީ ކުރިއިރު، އެ ކުޅުންތެރިންގެ ބަދަލުގައި ވެސް ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ތިބިކަން ސައުތުގޭޓް ފާހަގަކުރި އެވެ.

"އަހަރެމެން ބާކީ ކޮށްފިން ފޯމު ދަށްވެފައި ތިބި ބައެއް ފޯވާޑުން ވެސް. އެ ކުޅުންތެރިން ރިޕްލޭސް ކުރަން ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި. އަހަރެން އުންމީދު ކުރަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެންމެ ހިތްހަމަޖެހިގެން އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ފެންވަރު ދައްކަން މަސައްކަތްކުރެވޭ ފަދަ މާހައުލަކަށް. ކުޅުންތެރިންގެ މާހައުލުން ވެސް ކުޅުމަށް އަސަރު ކުރާނެ."

އިންގްލެންޑުން މިރޭ އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނަ އިރު މިއީ 2018 ވަނަ އަހަރު ނޮވެމްބަރު މަހު ވެމްބްލީ ސްޓޭޑިއަމްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިންގްލެންޑުން ޔޫރަޕު ނޫން ބައްރެއްގެ ގައުމަކާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ.

އިންގްލެންޑުން މިދިޔަ ހަފްތާގެ ބަންދުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މެގުއާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް ކެޕްޓަން ހެރީ ކޭން ވަނީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 49 ވަނަ ލަނޑާ އެކު އެ މެޗުން ޓީމު މޮޅު ކޮށްދީފަ އެވެ. ކޭންގެ 49 ވަނަ ލަނޑާ އެކު އޭނާ ވަނީ ލެޖެންޑް ބޮބީ ޗާލްޓަންގެ ރެކޯޑާ ހަމަކޮށްފަ އެވެ. އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖެހި ވޭން ރޫނީގެ ރެކޯޑް މުގުރާލަން ކޭން އަށް ބޭނުން ވަނީ ފަސް ލަނޑެވެ.